އެމެރިކާގެ ވެރިކަމަށް ޖޯ ބައިޑެން ގެންނަން އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން މަސައްކަތް ކުރިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ބައިޑެން އަށް ވެރިކަން ހޯދައިދޭން އުސާމާ މަސައްކަތް ކުރިކަން ހާމަވީ އުސާމާ މަރާލިއިރު އޭނާ ދިރިއުޅުނު ގެއިން ފެނުނު ލިޔުންތަކުންނެވެ.

ބަރަކް އޮބާމާ އެމެރިކާގެ ރައީސް ކަމުގައި ހުރިއިރު އެމެރިކާގެ ނައިބު ރައީސްގެ މަގާމުގައި ހުރީ ބައިޑެން އެވެ. 2010 ވަނަ އުސާމާ އަލްގައިދާގެ އިސްވެރިއަކަށް ފޮނުވި ސިޓީއެއްގައި ވަނީ އޮބާމާ އަވާރަކޮށްލާނެ ޕްލޮޓެއް ރާވަން އަންގާފައިވެއެވެ. އެސިޓީގައި ބުނެފައި ވަނީ ވެރިކަން ލިބިދާނެކަމަށް ތައްޔާރުނުވެ ހުއްޓާ އެމެރިކާގެ ނައިބު ރައީސްއަށް ވެރިކަން ލިބިއްޖެނަމަ އެމެރިކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދާނެއެވެ.

އެމެރިކާގެ ހާލަތު ގޯސްވެގެން ދިއުމަކީ އަލްގައިދާއަށް ލިބޭ ކާމިޔާބަކަށް ވެގެން ދާނެ ކަމަށް އުސާމާގެ ސިޓީގައި ބުނެފައި ވެއެވެ.

އޮބާމާ އަވަހާރަކޮށްލުމަށް ދެ ޓީމެއް އުފައްދަން އުސާމާ ލަފާދީފައި ވެއެވެ. އެޓީމުން އޮބާމާ އަވަހާރަކޮށްލުމުގެ އިތުރުން އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ ޖެނެރަލް ޑޭވިޑް ޕެޓްރީސް އަވަހާރަކޮށްލުމުގެ މަސައްކަތް ކުރަން ވެސް އުސާމާ ލަފާދީފައިވެއެވެ.

އުސާމާ ލަފާދީފައި ވަނީ އޮބާމާ އަފްޣާނިސްތާނަށް ނުވަތަ ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިން އޮބާމާއަށް ހަމަލާދީ އަވަހާރަކޮށްލާށެވެ.

އުސާމާގެ ސިޓީގައި އަލްގައިދާއިން އެމެރިކާގެ ނައިބު ރައީސް ބައިޑެން އަށާއި ސެކްރެޓަރީ އޮފް ޑިފެންސް ގޭޓްސް އަދި ޖޮއިންޓް ޗީފް އޮފް ސްޓާފް މުލެން އަށާއި ޕާކިސްތާނާއި އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުރި މަންދޫބު ހޮލްބްރޫކް އަށް ހަމަލާއެއް ދީގެން ނުވާނެ ކަމަށް ވަރަށް ސާފުކޮށް ބުނެފައި ވެއެވެ.

އޮމާބާ އަވަހާރަކޮށްލުމަށް ފަހު ބައިޑެން އެމެރިކާގެ ވެރިކަމަށް ގެނައުމަކީ އެމެރިކާއަށް ގެއްލުން ވާނެ ކަމެއް ކަމަށް އުސާމާ ދެކުނު ދެކުމަކީ ވަރަށް ބޮޑަށް ހަގީގަތާއި އެއްގޮތް ވެގެން ގޮސްފައިވާ ކަމެއްކަން މިއަދު ސާބިތުވެއްޖެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބާލަން ނިންމީ ބައިޑެން އެވެ. އެނިންމުމާއިއެކު އެމެރިކާގެ ވަރަށް ގިނަ ސިފައިން އަފްޣާނިސްތާނުން ފައިބައިން ދިއުމާއިއެކު އަފްޣާނިސްތާންގެ ކޮންޓްރޯލް މިހާރު ޠާލިބާނުން ވަނީ ހޯދާފައެވެ. ޠާލިބާނުންނާއި އަލްގައިދާއާއިއެކު ކުރިން ވަރަށް ގާތް ގުޅުމެއް އޮވެއެވެ.