ދުނިޔޭގެ އެންމެ ފުރަތަމަ ކޮވިޑާއި ދެކޮޅަށް ތައްޔާރު ކޮށްފައިވާ ޑީއެންއޭ ޝޮޓް، ޒައިޑަސް ކެޑިލާގެ ކޮވިޑް ވެކްސިން ބޭނުން ކުރަން އިންޑިއާގެ ޑްރަގް ރެގިއުލޭޓަރ އެމެޖެންސީއިން ހުއްދަ ދީފިއެވެ.

މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށެވެ.

ޒައިޑަސް ކެޑިލާގެ ޒައިކޮވްޑީ (ZyCoV-D) ވެކްސިންއަކީ ކޮރޯނާ ވައިރަހުގެ ޖެނެޓިކް މާއްދާތަކުގެ ބައެއް ބޭނުން ކޮށްގެން ޑީއެންއޭ ނުވަތަ އާރްއެންއޭ މެދުވެރިކޮށް އެ މީހެއްގެ ދިފާއީ ނިޒާމު އެ ޕްރޮޓީނަކާއި އެކު މަސައްކަތް ކުރާ ވަކި ޕްރޮޓީނެއް އުފައްދަން ހަށިގަނޑަށް އިރުޝާދު ދޭ ވެކްސިންއެކެވެ. ކޮވިޑު-19 ގެ ގިނަ ވެކްސިންތަކުގައި 1 ނުވަތަ 2 ޑޯޒް ޖަހަން ޖެހުނުކަމުގައި ވިޔަސް، މި ޑީއެންއޭ ވެކްސިންގައި 3 ޑޯޒް ޖަހަން ޖެހެއެވެ.

އިންޑިއާގައި މި ވެކްސިން ބޭނުންކުރުމަށް ހުއްދަ ދީފައިވަނީ އެގައުމުގައި މި އަހަރު ނިމުމުގެ ކުރިން އެންމެންނަށް ވެކްސިން ޖެހުމަށް އަމާޒުކޮށް އެކަން ހާސިލް ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިވެކްސިންގެ ސަބަބުން ވެކްސިން ޕްރޮގްރާމް ބޫސްޓް ވެގެން ދާނެއެވެ.

ޒައިކޮވްޑީއަކީ އިންޑިއާގައި ބޭނުން ކުރަން ހުއްދަ ދޫ ކޮށްފައިވާ ހަވަނަ ވެކްސިނެވެ. އެންމެ ފުރަތަމަ މި ވެކްސިން ދޭން ނިންމާފައިވަނީ 18 އަހަރުން ދަށުގެ ކުދިންނަށެެވެ.

ޖުލައި މަހު ޒައިޑަސް ކެޑިލާއިން ހާމަ ކޮށްފައިވާ ގޮތުގައި މި ވެކްސިންއަކީ ކޮރޯނާ ވައިރަސްގެ އާ ވައްތަރުތަަކުން ރައްކާތެރި ކޮށްދޭ ވެކްސިނެކެވެ. ވަކިން ފާހަގަކޮށް ނުރައްކާތެރި ޑެލްޓާ ވޭރިއެންޓާއި ދެކޮޅަށް މި ވެކްސިން މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު