20 އަހަރަށް ފަހު ތާލިބާނުން ވަރުގަދަ ގަވާއިދުތަކަކާއެކު އަފްޣާނިސްތާނުގެ ވެރިކަމާއި މިދިޔަ ހަފްތާގައި ހަވާލުވުމާއެކު އެގައުމުން އެތައް ހާސް ބަޔަކު ފުރައިގެން ގޮސްފައިވެއެވެ. ގައުމުން ފިލައިގެން ދާން އުޅުމުގެ ތެރޭގައި ބައެއް މީހުން ފިިތިގެންގޮސް މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެންގޮސްފައިވުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ގައުމުގެ ވެރިރަށް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ޖަމާވެފައެވެ. އަދި އެ ވައިގެ ބަނދަރުން ފުރުމަށް މަސައްކަތްކުރި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ގަދަކަމުން އަރަން މަސައްކަތްކޮށް މަތިންދާބޯޓުތައް ދަތުރުކުރުން ހުއްޓުވުމަށް އެތައް ހާސް ބަޔަކުވަނީ މަސައްކަތްކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން އަސްކަރީ މަތިންދާބޯޓެއްގެ ފުރޮޅުގައި އެލިގެން ގައުމުން ބޭރަށްދާން މަސައްކަތް ކުރި ބަޔަކު ވަނީ ބޯޓުން ވެއްޓި މަރުވެސް ވެފައެވެ.

އެމެރިކާގެ އަސްކަރީ ފައުޖުތަކުން ބަލަހައްޓާ ކާބުލްގެ ވައިގެ ބަނދަރުގައި ހިނގި ހަމަނުޖެހުންތަކުގައި 12 މީހުން މަރުވެފައިވެއެވެ. އެއާއެކު އެ ވައިގެ ބަނދަރަށް ދެވެން އޮންނަ މަގުތައް ތާލިބާނުންގެ ޖަމާއަތުން ވަނީ ބަންދުކޮށްފައެވެ. މި ދަނޑިވަޅުގައި އެމެރިކާއިން އެގައުމުގެ ޑިޕްލޮމެޓުންނާއި، އަފްޣާނުގައި ތިބި އެމެރިކާގެ އާންމު ރައްޔިތުން ވަނީ އެގައުމުން ބާލާފައެވެ.

ރަސްމީ ބަޔާންތަކާއި ލޯކަލް ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް އަފްޣާނިސްތާނުން 28،000 މީހުން ބާލާފައިވެއެވެ. އެގޮތުން، ކާބުލްގެ އެއާޕޯޓު ކޮންޓްރޯލް ކުރުމަށް އަސްކަރީ ފައުޖެއް ފޮނުވި އެމެރިކާއަށް އަފްޣާނިސްތާނުގެ 17،000 މީހުންނާއި އެމެރިކާގެ 2،500 މީހުން ގެންގޮސްފައިވާ ކަމަށް ވައިޓްހައުސްއިން ރިޕޯޓު ކޮށްފައިވެއެވެ.

އަދި އޭގެ އިތުރުން އިނގިރޭސިވިލާތައް 3،821 މީހުންނާއި، ޖަރުމަނަށް 2،000 މީހުންނާއި، ޕާކިސްތާނަށް 1،100 މީހުން ގެންގޮސްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެެއެވެ. މީގެ އިތުރުން އިޓަލީ، ތުރުކީވިލާތާއި، އިންޑިއާ، ޑެންމާކް، ސްޕެއިން އަދި ޖަޕާން ފަދަ ގައުމުތަކަށް ވެސް އަފްޣާނިސްތާނުގެ މީހުން ވަނީ ބަދަލުކޮށްފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވިދާޅުވީ މިހާތަނަށް 13 ގައުމަކުން ވަގުތީ ގޮތުން އަފްޣާނިސްތާނުގެ މީހުންނަށް ހިމާޔަތްދިނުމަށް އެއްބަސް ވެފައިވާ ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުން ނިންމާފައިވަނީ އަފްޣާނިސްތާނުން ހިޖުރަކުރާ އެ ގައުމުގެ އާންމު ރައްޔިތުން އެހެން ގައުމުތަކުގައި ވަޒަންވެރިކުރުމަށެވެ. އޭގެ ތެރެއިން ގިނަ މީހުން ވަޒަންވެރިކުރާނެކަމަށް ބެލެވެނީ މެދުތެރޭ އޭޝިޔާއާއި ވިލާތުގެ ގައުމުތަކުގައެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބްރާހިމް

    28000 ޓެރެރިސްޓު ޣައްދާރުން ބޭރުކޮށް ނިމިއްޖެ.

  2. ާއަލީ

    ކީއްވެގެންތޯ ރާއްޖެއިން އެމީހުނައް ހިމާޔަތްނުދެނީ، ރާއްޖޭގަވެސް ބައިވަރު ރައްތައްއެބަހުރި،

  3. ާއަލީ މ

    ކީއްވެގެންތޯ ރާއްޖެއިން އެމީހުނައް ހިމާޔަތްނުދެނީ، ރާއްޖޭގަވެސް ބައިވަރު ރައްތައްއެބަހުރި،