އަފްޣާނިސްތާނުގައި ރަނގަޅު ލިޔެކިޔުންތަކާއެކު ތިބި މީހުން އެގައުމުން ބޭރަށް ދިއުމަށް ހުއްދަ ދޭނެ ކަމަށް ތާލިބާނުން ބުނެފިއެވެ. ތާލިބާނުން މިކަމަށް އެއްބަސް ވެފައިވާ ކަމަށް ބުނެފައިވަނީ ޖަރުމަނުވިލާތާއި ދެމެދު ކުރެވުނު މަޝްވަރާއެއްގެ ތެރެއިންނެވެ.

ގައުމުން ބޭރުވުމަށް ހުއްދަ ދީފައިވީ ކަމުގައި ވިޔަސް، ތާލިބާނުން ޝަރުތުކޮށް ބުނެފައިވަނީ އަފްޣާން މީހުންނަށް ގައުމުން ބޭރުވެވޭނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެމެރިކާ ސިފައިން އެގައުމުން ފޭބުމުން ކަމަށެވެ.

ޖަރުމަނުގެ ތަރުޖަމާނު މާކަސް ޕަޓްޒެލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާލިބާން ޖަމާއަތުގެ ޑެޕިއުޓީ ޗީފް ޝާ މުހައްމަދު އައްބާސް އާއި ބައްދަލުވެފައިވާ ކަމަށެވެ. އަދި އަފްޣާން ރައްޔިތުންގެ ގާނޫނީ ގޮތުން ހުންނަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ހަމަވެފައިވާނަމަ މި މަހުގެ 31 ވަނަ ދުވަހުގެ ފަހުން ކޮމާޝިއަލް ފްލައިޓްތަކުން ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ތާލިބާނުން ބުނެފައިވާ ކަމަށެވެ.

އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ދެވަނަ ފަހަރަށް އަފްޣާނިސްތާން ގެނައުމުން އެ ގައުމުގެ އެތައް ހާސް މީހުންނެއްވަނީ ގައުމު ދޫކޮށް ދިޔުމަށް ވެރިރަށް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ޖަމާވެފައެވެ. އެމެރިކާއާއި ނޭޓޯގެ ޤައުމުތަކުންވަނީ ކާބުލްގެ ވައިގެ ބަނދަރަށް ޖަމާވެފައިވާ އެތައް ހާސް ބަޔަކު އަފްޣާނިސްތާނުން ގެންދިޔުމުގެ މަސައްކަތް ފަށައިފައެވެ. ފާއިތުވި ދެތިން ހަފުތާގެ ތެރޭގައި އެކި ގައުމުތަކުންވަނީ އަފްޣާނިސްތާނުން ބޭރަށް 70.000 އަށްވުރެ ގިނަ މީހުން ގެންގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގިނަ ބަޔަކު ގައުމު ދޫކޮށް ދިއުމަށް މަސައްކަތް ކުރާތީ ކާބުލްގެ ވައިގެ ބަނދަރަށް ދިޔުމުގެ ފުރުސަތު ދޭނީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުންނަށްކަމަށް ބުނެ ތާލިބާން ޖަމާއަތުންވަނީ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދެވެން އޮންނަ މަގުތައް ބަންދުކޮށްފައެވެ.

އެމެރިކާ އާއި ނޭޓޯ ސިފައިން އަފްޣާނިސްތާންގައި ތިބޭނެ އެންމެ ފަހުގެ ތާރީޚަކީ އޮގަސްޓް މަހުގެ 31 ވަނަ ދުވަސް ކަމަށް ކުރިން ބުނެފައި ވާތީ އެދުވަހަށް ފަހު ބޭރު ގައުމުތަކުގެ ސިފައިން އަފްޣާނިސްތާނުން ފައިބައިގެން ދާން ޖެހޭނެ ކަމަށް ޠާލިބާނުން ވަނީ ބުނެފައެވެ.