އެމެރިކާގައި ހުންނަ ކިލައުއީއާ ފަރުބަދަ ގޮވަމުންދާތީ ހަވާއީއަށް ރަތް ސަމާލު ނެރެފިއެވެ.

ހަވާއީގައި ހުންނަ ބޮޑު ފަރުބަދައެއް ކަމަށްވާ ކިލައުއީއާ ފަރުބަދަ ގޮވަމުންދާ އިރު މިއީ އެ ފަރުބަދަ މި އަހަރުގެ ތެރޭގައި ގޮވި ދެ ވަނަ ފަހަރެވެ. ހަވާއީގެ ވޮލްކަނޯ އޮބްޒަވޭޓަރީ އިން ބުނާގޮތުގައި މި ފަރުބަދަ ގޮވަމުންދާތީ ރައްޔިތުން ސަމާލުވާން ޖެހެއެވެ.

މި ފަރުބަދަ ގޮވާ ތަނުގެ ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުންދާ އިރު ފޮޓޯތަކުން ފެންނަ ގޮތުގައި ފަރުބަދައިން އަލިފާން އަޅި ފައިބާތަން ފެނެއެވެ. އަދި ދުމުގެ ސަބަބުން މުޅި އެ ފަރުބަދަ ހިމެނޭ ސަރަހައްދުގައި ވަނީ އެއްކޮށް އަނދިރި ވެފައެވެ.

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން، 2018 ވަނަ އަހަރު މި ފަރުބަދަ ގޮވުމުގެ ހާދިސާގައި ކައިރީގައި ހުރި އެތައް ސަތޭކަ ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވެއެވެ. އަދި އެތައް ބަޔަކަށް އެކި ވަރުގެ ގެއްލުން ލިބުނުކަންވެސް ފާހަގަ ކުރެވެއެވެ.

މިފަހަރު ފަރުބަދަ ގޮވަމުންދާ އިރު ކައިރީގައި ހުރި ގެއަކަށް އަދި ގެއްލުންވާކަމުގެ އެއްވެސް ރިޕޯޓެއް ކޮށްފައި ނުވެއެވެ. ނަމަވެސް މި ސަރަހައްދުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަމުންދާކަން ފާހަގަ ކުރެވެއެވެ.

ޔޫއެސްގެ ޖިއޮލޮޖިކަލް ސާވޭ އިން ވަނީ ފަރުބަދަ ގޮވަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އެފަރާތުން ވަނީ މި ފަރުބަދަ ކުރިޔަށް ވުރެ ބޮޑަށް ގޮވަމުންދާތީ އޮރެންޖު ސަމާލުން ރަތް ސަމާލަތް ނުރައްކަލުގެ އިންޒާރު މަތިކޮށްފައެވެ.

ކިލައުއީއާ ފަރުބަދަ ގޮވަމުންދާއިރު ފަރުބަދައިން ނުރައްކާތެރި ގޭސްތައްވެސް ގިނައިން ބޭރުވަމުންދެއެވެ. އޭގެ ތެރޭގައި ޕްރައިމަރީ ވޯޓަރ ވޭޕަރ، ކާބޮންޑައި އޮކްސައިޑް އަދި ސަލްފާޑައިއޮކްސައިޑް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުށެއްގެ އިސްލާހު

    އެއީ އެމެރިކާ ގައި ހުންނަ ފަރުބަދައެއްތޯ.؟ މިހެން މިދެންނެވީ ހަވާއީއަކީ އެމެރިކާޔާ ވަކިން އޮންނަ އެ ޤައުމުގެ ސްޓޭޓެއް. ނުވަތަ އެ ޤައުމުގެ ދައުލަތުގެ ދަށުގައި "ވަކިން އޮންނަ" ރަށްތަކަކަށް ޖުމްލަކޮށް ކިޔާ ނަމެއް. އެހެން ވީމާ ރަނގަޅު ގޮތަކީ އެމެރިކާގެ ހަވާއީގައި ހުންނަ....