ކޮލޮމްބިއާގެ ސަލާމަތީ ބާރުތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ގައުމުގެ އެންމެ ބޮޑު ޑްރަގް ޑީލަރު ހައްޔަރުކޮށްފިއެވެ.

ކޮލޮމްބިއާގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކަމުން އައި ޑައިރޯ އެންޓޯނިއޯ އުސޫގާއަކީ 10 އަހަރު ވަންދެން އެ ގައުމުގެ ވަލު ތެރޭގައި ފިލައިގެން އުޅުނު މީހެކެވެ.

އެމެރިކާ އިން އެކުލަވާލާފައިވާ ދުނިޔޭގެ އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ މީހުންގެ ތެރޭގައިވެސް ހިމެނޭ އުސޫގާ ހައްޔަރުކުރާ ފަރާތަކަށް އެގައުމުން ވަނީ ފަސް މިލިއަން ޑޮލަރު ހުށަހަޅައިފައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އުސޫގާ އެންމެ ފުރަތަމަ ކޯޓަށް ގެންދެވުނީ 2009 ވަނަ އަހަރުއެވެ. އެފަހަރު އޭނާ ކޯޓަށް ގެންދިޔައީ އެމެރިކާ އަށް މަސްތުވާތަކެތި ފޮނުވާ ބޮޑު މީހެއްކަން ސާބިތުވުމުންނެވެ.

އެގޮތުން 2003 ވަނަ އަހަރުން 2014 ވަނަ އަހަރަށް އުސޫގާ ވަނީ އެމެރިކާ އަށް 73 މެޓްރިކް ޓަނުގެ މަސްތުވާތަކެތި އެތެރެ ކޮށްފައެވެ.

އުމުރުން 50 އަހަރުގެ މި މީހާ ހައްޔަރުކުރެވުމާއެކު ކޮލޮމްބިޔާގައި އޮތް މަސްތުވާތަކެތީގެ ވިޔަފާރި ނައްތާލުމަށް އެގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އެގައުމުން ދެކެއެވެ.

ކޮލޮމްބިއާ އަކީ ދުނިޔޭގައި މަސްތުވާތަކެތި އުފައްދާ އެންމެ ބޮޑު އެއް ގައުމެވެ. އަދި މަސްތުވާތަކެތި ބޭރުގައުމުތަކަށްވެސް ފޮނުވާ އެތައް ފަރާތެއް އެގައުމުގައި އުޅޭކަން ފާހަގަ ކުރެވެއެވެ.