ސޫދާންގެ ސިފައިން އިއްޔެ އެގައުމަށް ގެނައި ބަޣާވާތާއި ދެކޮޅު ހެދުމަށް ވެރިރަށް ޚުރުތޫމްގެ މަގުތަކަށް ނިކުތް މީހުންނަށް ސިފައިން ބަޑިން ހަމަލާ ދިނުމުން އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"އަލްޖަޒީރާ" އިން ބުނާ ގޮތުގައި ޚުރުތޫމްގެ މަގުތަކަށް ނިކުތް މީހުންގެ ގަޔަށް ސިފައިން ބަޑި ޖެހުމުން މަރުވި މީހުންގެ ސީދާ އަދަދު އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ގިނަ ބަޔަކު މަރުވެފައިވާކަން ކަށަވަރު ކުރެވޭ ކަމަށް "އަލްޖަޒީރާ" އިން ބުނެއެވެ. ސިފައިން ހަމަލާ ދިނުމުން ޒަހަމްވި މީހުންގެ އަދަދު 140 އަށް އަރައެވެ.

ސޫދާންގެ ކޮންޓްރޯލް ސިފައިން ނަގައި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް އާއި ސަރުކާރުގެ ސީނިއާ އޮފިޝަލުންތަކެއް އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ.

ބަޣާވާތަކުން ސޫދާންގެ ވެރިކަން ބަދަލު ކުރުމުގައި އިސްކޮށް ހުރީ ސިފައިންގެ ޖެނެރަލް އަބްދުލް ފައްތާލް އަލް ބުރުހާން އެވެ. އޭނާ އަކީ މަދަނީ ބޭފުޅުންނާއި އަސްކަރީ ޖެނެރަލުން ހިމެނޭހެން އުފައްދާފައި އޮންނަ ސޫދާންގެ ސަވަރިން ކައުންސިލްގެ ވެސް އިސް މެންބަރެކެވެ. ސަވަރިން ކައުންސިލަކީ އުމަރު އަލް-ބަޝީރު ސޫދާންގެ ވެރިކަމުން ދުރުކުރުމަށް ފަހު ވެރިކަމުގެ ކަންކަން ކުރިއަށް ގެންދަން އުފެއްދި ކައުންސިލެކެވެ.

ބަޣާވާތަކުން ވެރިކަމާއި ހަވާލުވުމަށް ފަހު ޖެނެރަލް އަބްދުލް ފައްތާލް އަލް ބުރުހާން ވިދާޅުވީ ވެރިކަމާއި ހަވާލުވާން ޖެހުނީ ޒުވާނުންގެ އުއްމީދުތައް ހާސިލް ކުރަން ހުރަސް އަޅަމުން ގެންދާތީ ޒުވާނުންނަށްޓަކައި ކަމަށެވެ. ސިފައިން ވެރިކަމާއި ހަވާލުވި ނަމަވެސް 2023 ވަނަ އަހަރުގެ ޖުލައި މަހު އިންތިހާބެއް ބާއްވައި ސޫދާންގެ ވެރިކަން މަދަނީ ސަރުކާރަކާއި ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޫދާނަށް ގެނެސްފައިވާ ބަޣާވާތް ގިނަ ގައުމުތަކަކުން އަންނަނީ ކުއްވެރިކުރަމުންނެވެ. އޭގެތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތައް ހިމެނެއެވެ.