މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފަންޑް ކުރުން ހުއްޓުވުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) ގެ "ގްރޭ ލިސްޓް" ގައި ތުރުކީ ހިމަނައިފިއެވެ.

ތުރުކީ "ގްރޭ ލިސްޓް"ގައި އެ ގައުމު ހިމަނާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި ނިންމުމުގެ ސަބަބުން ތުރުކީއަށް 23 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް ގެއްލިގެން ހިނގައިދާނެ ކަމަށާއި، މިއީ ތުރުކީގެ ނާޒުކު އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެއް ކަމަށް ތުރުކީވިލާތުން ވަނީ ބުނެފައެވެ. މި އަހަރު ފެށުނީއްސުރެ ތުރުކީގެ ލީރާގެ އަގުގެ ގާތްގަނޑަކަށް 20 އިންސައްތަ ވަނީ ވެއްޓިފައެވެ.

ތުރުކީއިން އެގައުމުގެ ބޭންކިން އަދި ރިއަލް އެސްޓޭޓް ސިނާއަތުގައި ސުޕަވައިޒް ކުރުމުގެ ސީރިއަސް މައްސަލަތަކަށް ހައްލު ހޯދަން ޖެހޭ ކަމަށާއި، ރަނާއި، އަގު ބޮޑު ހިލަައިގެ ވިޔަފާރިއަށް ހާއްސަ ސަމާލުކަމެށް ދޭންޖެހޭ ކަމަށް އެފްއޭޓީއެފްގެ ރައީސް މާކަސް ޕްލެޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެއެވެ.

"ތުރުކީން އެބަޖެހޭ ކޮމްޕްލެކްސް މަނީ ލޯންޑަރިންގެ މައްސަލަތައް ހަރުދަނާ ގޮތެއްގައި ހައްލުކުރަން. ޓެރަރިޒަމަށް ފަންޑް ކުރުމުގެ ދައުވާތައް ކުރިއަށް ގެންދާކަން ހާމަކުރަން. އަދި އައިއެސް އާއި އަލްގައިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވާ ޖަމާއަތްތަކުގެ މައްސަލަތަކަށް އިސްކަން ދޭން ޖެހޭ" އޭނާ ވިދާޅުވިއެވެ.

ޓެރަރިޒަމާއި، ހަތިޔާރާާއި ގުޅިފައިވާ ކަންކަމުގައި އަޅާ ފިޔަވަޅުތައް ރަނގަޅު ކުރުމަށާއި، އެ ކަންކަމުގައި ހުރި ސީރިއަސް އުނި ކަންތައްތަކެއްގެ ވާހަކަ ފާހަގަކޮށް، 2019 ވަނަ އަހަރު އެފްއޭޓީއެފްއިން ތުރުކީއަށް އިންޒާރު ދީފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ދިރާސާއިން މި އަހަރު ދައްކާ ގޮތުގައި ގްރޭ ލިސްޓް ކުރުމުގެ ސަބަބުން ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ގެ 7.6 އިންސައްތަ ކެޕިޓަލް އިންފްލޭޝަން ދަށްވާ އިރު، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އާއި ޕޯޓްފޯލިއޯ ފްލޯއަށް ވެސް ވަނީ ހީނަރުކަން އައިސްފައެވެ.

އެފްއޭޓީއެފްއިން ގްރޭ ލިސްޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން، މޮރޮކޯ، އަލްބޭނިއާ އަދި ޔަމަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    އެމެރިކާ އާ ޔޫރަޕް އަޑިގަ ހުރެގެން ކުރާ ކަމެކެވެ. ތުރުކީ ރަރއިސް ފާލު ދެކޮޅަށް ވާހަކަ ދައްކާ ތީ އެވެ.

    8
    1