ސްރީލަންކާއަށް ވިއްސާރަ ކުރަމުންދާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ފެންބޮޑުވެ، ކިސަޑު ފޭބުމުގެ ސަބަބުން މިހާތަނަށް 16 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ އޮފިޝަލުން މިއަދު ވިދާޅުވެއްޖެއެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ 5،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއްބަޔަކު ގާތްތިމާގެ މީހުންގެ ގެތަކުގައި ތިބިއިރު، ސަރުކާރުން ހިންގާ ރިލީފް ސެންޓަރުތަކުގައި ހިޔާވަހިކަން ވެސް ބައެއް މީހުން ވަނީ ހޯދާފައެވެ.

ރިޕޯޓުތައް ބުނާގޮތުން ގިނަ މީހުން މަރުވެފައިވަނީ ގެނބިގެންނެވެ. ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ ގެނބިގެން 9 މީހުން މަރުވެފައިވާއިރު، ބިންގަނޑު ކަނޑައިގެން ގޮސް 4 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އިތުރު ދެ މީހަކު ވަނީ ހޮނުއެޅުމުގެ ސަބަބުން މަރުވެފައެވެ. މީގެ އިތުރުން މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި އިތުރު ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ޑީއެމްސީން ބުންޏެވެ.

ޑީއެމްސީގެ ޑިރެކްޓާ ޖެނެރަލް މޭޖާ ޖެނެރަލް (ރިޓަޔާޑް) ސޫދާތާ ރަނަސިންހަ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން 16 ޑިސްޓްރިކްޓެއްގެ 78 ޑިވިޝަނަލް ސެކްރެޓޭރިއެޓް ޑިވިޝަނަކަށް އަސަރުކޮށްފައިވާ ކަމަށެވެ.

އެގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި އުތުރާއި ހުޅަނގު އުތުރު އަދި ހުޅަނގު ޕްރޮވިންސްގެ ބައެއް ހިސާބުތަކަށް 100 މިލިމީޓަރަށް ވުރެ ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ލަންކާގެ ބައެއް ސަރަހައްދުތަކަށް 40-50 ކިލޯމީޓަރާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

އާންމު ގޮތެއްގައި އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހަކީ ސްރީލަންކާއަށް ވިއްސާރަ ކުރަމުންދާ ދުވަސްތަކެކެވެ. ނަމަވެސް މިއަހަރު ލަންކާގެ ގިނަ ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ގިނައިން ވާރޭ ވެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.