ރޫމޭނިއާގެ ކޮވިޑް ހޮސްޕިޓަލެއްގައި ރޯވެ އުމުރުން ދުވަސްވީ ދެ މީހަކު މަރުވެއްޖެއެވެ.

ރޫމޭނިއާގެ ސިޓީއެއް ކަމަށްވާ ޕްލޮއިޒީގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ފަތިހު 4:00 އެހާކަންހާ އިރުއެވެ.

އެސޯސިއޭޓެޑް ޕްރެސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ހޮސްޕިޓަލުން 21 މީހަކު ފަރުވާ ހޯދަމުންދިޔައެވެ. އެ ހޮސްޕިޓަލުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

"އަލިފާންގަނޑު ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވުން، އެކަމަކު، ދެ މީހަކު ވަނީ މި ހާދިސާގެ ސަބަބުން މަރުވެފައި" އެގައުމުގެ ހެލްތު މިނިސްޓަރު ސީކޭ އަޓިލާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ހާދިސާ ހިނގާފައިވާގޮތް ބެލުމަށް ތަހުގީގު ކުރަމުންދާކަން މިނިސްޓަރ ވަނީ ފާހަގަ ކޮށްފައެވެ.

އޮފިޝަލުން ވަނީ މި ހާދިސާގައި މަރުވި ދެ މީހުންނަކީ 70 އަހަރުގެ ދުވަސްތައް ގުނަމުންދާ ދެމީހުން ކަމަށް ލަފާކޮށްފައެވެ. މި ހާދިސާގައި ހޮސްޕިޓަލުގައި އެވަގުތު ހަރަކާތްތެރިވަމުން ދިޔަ ނަރުހަކު ފިހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި ފަރުވާ ދިނުމަށް ވެރިރަށް ބުކަރެސްޓްގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އެގައުމުގެ ވަގުތީ ބޮޑުވަޒީރު ފްލޯރިން ސީޓޫ ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، "މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ވިޔަދީގެން ނުވާނެ" ކަމަށް ވިދާޅުވެފައެވެ.

19 މިލިއަން މީހުން ދިރިއުޅޭ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ސްޓޭޓެއް ކަމަށްވާ ރޫމޭނިއާގައި ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި އިތުރު ތިން ނުރައްކާތެރި އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މިދިޔަ މަހު ވެސް އެގައުމުގެ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައި އަލިފާން ރޯވެ ހަތް މީހުން ވަނީ މަރުވެފައެވެ.