ކޮވިޑް-19 ބަލިމަޑުކަމުގެ ފަހުން ގައުމުން ބޭރަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ކުރައްވާ ދެވަނަ ދަތުރުފުޅުގައި މިއަދު އިންޑިއާއަށް ވަޑައިގެންފިއެވެ.

މި ދަތުރުގެ ބޭނުމަކީ އިންޑިއާ އާއި ރަޝިޔާ އާއި ދެމެދު އަސްކަރީ އަދި ހަކަތައިގެ ގުޅުންތައް ބަދަހިކުރުމެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދެގައުމުގެ މެދުގައި މިއަދު ވަނީ ހަތަރު އެއްބަސްވުމެއް އެކުލަވާލައިފައެވެ. އޭގެތެރޭގައި، 2021-2031 އަށް އަސްކަރީ-ޓެކްނިކަލް ދާއިރާއިން އެއްބާރުލުން ދިނުމުގެ ޕްރޮގްރާމާއި 20 ވަނަ އައިރިގްސީ-އެމް-އެމްޓީސީގެ ޕްރޮޓޮކޯލް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާ އާއި ރަޝިއާއާ ދެމެދު ވެވުނު އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް އާއި ރަޝިއާގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ސަރްގޭ ޝޮއިގުއެވެ.

"ރަޝިއާ އަކީ އަބަދުވެސް އިންޑިއާގެ ވަރަށް ގާތް އެކުވެރިއެއް،" އިންޑިއާ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވިއެވެ. އިންޑިއާ އަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ އެއް ގައުމަކީ ރަޝިއާއެވެ.

"ދިފާއީ އެއްބާރުލުމަކީ، އަޅުގަނޑުމެންގެ ޕާޓްނަރޝިޕްގެ އެންމެ މުހިންމު އެއް އަސާސް. އިންޑިއާ-ރަޝިޔާ ޕާޓްނަރޝިޕްގެ ސަބަބުން މުޅި ސަރަހައްދަށް ސުލްހަ ގެނެސް، ސަރަހައްދަށް ހަމަޖެހުން ލިބިގެންދާނެ ކަމަށް އުންމީދު ކުރަން" ދެގައުމުގެ ދެމެދުގައި މިއަދު ކުރިޔަށްދިއަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހް ވިދާޅުވިއެވެ.

ރަޝިއާ އިން ބުނީ ދެ ގައުމުގެ މެދުގައި ކުރާ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހަކަތަ އާއި އަސްކަރީ ގުޅުމަށް ކަމަށެވެ. ރަޝިއާގެ ހަކަތަ އުފައްދާ ކުންފުނި ރޮސްނެފްޓްގެ ވެރިޔާ އައިގޯ ސެޗިން ވެސް މި ދަތުރުގައި ބައިވެރިވިއެވެ.