ތޫފާން ރާއީގެ ސަބަބުން ލިބުނު ގެއްލުންތަކުން ސަލާމަތްވި ފިލިޕީންސްގެ ދެ މީހަކު ފެން ނުލިބުމުގެ ސަބަބުން މަރުވެފައިވާ ކަމަށް އެގައުމުގެ ނޫސް އެޖެންސީތަކުން ރިޕޯޓު ކޮށްފިއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެގައުމަށް ކުރިމަތިވި މި ތޫފާނަކީ މި އަހަރު އެގައުމަށް އެރި އެންމެ ބާރުގަދަ އަދި އެންމެ ގެއްލުންބޮޑު ތޫފާނެވެ. މި ތޫފާނުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ގެދޮރު ވަނީ ގެއްލި، ކާބޯތަކެތީގެ ދަތިކަމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދުތަކުގައި ތިބި މީހުން ކާބޯތަކެއްޗާއި ފެނުގެ އެހީއަށް އެދިފައެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ގޮންޖެހުންތަކަކާއި ކުރިމަތިލަމުންދާއިރު، އޮފިޝަލުން ވަނީ އަވަސް އިންސާނީ އެހީ ފޯރުކޮށް ނުދެވިއްޖެނަމަ ވައްކަން ކޮށްފާނެ ކަމުގެ އިންޒާރު ދީފައެވެ.

ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސިއާރްގާއޯއިން މިހާތަނަށް ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 392 އަށް އަރާފައެވެ.

އާރްއެމްއެން ޓަކްލޯބާން ނޫހުން ބުނީ ހޯމަ ދުވަހު ޑާޕާ ގެ ވިލެޖުގައި މީހުން މަރުވެފައިވަނީ ސާފު ބޯފެން ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވުމުގެ ސަބަބުން ކަމަށެވެ. ސިއްހީ އިދާރާތަކާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ އެ ވިލެޖަށް ސާފު ފެން ހޯދުމަށް ޖަނަރޭޓަރަކާއި، ތެޔޮ ވެސް ބޭނުންވާ ކަމަށެވެ.

ތޫފާނުގެ ސަބަބުން ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް ވަނީ ފުނޑުފުނޑުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ކަރަންޓުގެ ހިދުމަތާއި، މުވާސަލާތީ ގުޅުންތައް ކެނޑި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ބޯހޯލްގެ ގަވަރުނަރު އާތަރް ޔަޕް ވިދާޅުވީ އެ ޕްރޮވިންސުން ވެސް ކާބޯތަކެތީގެ ސަޕްލައި ވަރަށް މަދުވެ، ކުރިޔަށް ހުރި ދުވަސްތަކަށް ރައްކާކުރާ ވަރަށް ސަޕްލައި ނެތް ކަމަށެެވެ. އޭނާ ވިދާޅުވީ، މިހާރުވެސް އެ ޕްރޮވިންސްގައި މުވާސަލާތީ ގުޅުންތައް ކެނޑި، ކަރަންޓުގެ ހިދުމަތް ވެސް ނުލިބޭ ހާލަތުގައި 12 މިލިއަނަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ.

ޔަޕް ވިދާޅުވީ ސަރުކާރުގެ ސޯޝަލް ވެލްފެއާ ޑިޕާޓްމެންޓުން 35،000 ކާބޯތަކެތި ޕެކެޓު ފޮނުވާނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ. އަދި އެއީ އެ ޕްރޮވިންސްގެ 375،000 އާއިލާއަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތަކެތި ވެސް އަދި ނުލިބޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެ ގައުމަށް ތޫފާން ރާއީ އަރައި ހާލުގައި ޖެހިފައިވީ ނަމަވެސް ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިފައެއް ނުވެއެވެ. ނަމަވެސް، ޖަޕާނުން ބުނީ ކަރަންޓް ޖެނެރޭޓަރުތަކާއި، ޓެންޓްތަކާއި، ސްލީޕިން ބޭގްތަކާއި، ފެން ކޮންޓެއިނަރުތަކާއި، ތާރުޕައުލިން ރޫފިން ޝީޓްތައް ފޮނުވަމުންދާ ކަމަށެވެ. މީގެ އިތުރުން ޗައިނާއިން ބުނީ، 20،000 ފުޑް ޕެކާއި، ހަނޑޫ ފޯރުކޮށްދޭނެ ކަމަށެވެ.