އިންޑިއާގައި ވެކްސިން ޖަހާފައިވާ ގިނަބައެއްގެ ގައިން ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ އޮމިކްރޮން ވޭރިއެންޓް ފެނިއްޖެއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން އާއްމު ކުރި މައުލުމާތަށް ބަލާއިރު، އެ ގައުމުން ކޮވިޑްގެ އާ ވައްތަރަށް ފައްސިވި މީހުންގެ ތެރެއިން 87 މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނެވެ. އަދި އޭގެ ތެރެއިން ތިން މީހުން ބޫސްޓާ ޑޯޒްވެސް ޖަހާފައި ވެއެވެ.

އިންޑިއާއިން ޑިސެމްބަރު ދެ ވަނަ ދުވަހުން ފެށިގެން މިހާތަނަށް 358 މީހަކު ކޮވިޑްގެ އާ ވައްތަރަށް ފައްސިވެފައި ވެއެވެ. އަދި އޭގެ ތެރެއިން 114 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އިންޑިއާގެ ހެލްތް ސެކެރެޓަރީ ރަޖޭޝް ބުޝާން ވިދާޅުވީ، އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކަށްވުރެ އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ކޮވިޑްގެ ވޭދަނަތައް ފެންނަ ވަރު ދަށް ކަމަށެވެ.

އޭނާ އިތުރަށް ވަނީ، އޮމިކްރޮންއަށް ފައްސިވި މީހުންގެ ތެރެއިން ވެކްސިން ޖަހާފައި ތިބި މީހުން އިތުރަށް ކަށަވަރު ކުރަމުންދާއިރު، ވެކްސިން ނުޖަހާ މީހުންވެސް ތިބި ކަމަށެވެ.

"ހަތް މީހަކު ވެކްސިން ނުޖަހާ، ދެ މީހުންނަކީ ވެކްސިންގެ ފުރަތަަމަ ޑޯޒް ޖަހާފައިވާ މީހުން. އަދި 16 މީހުންނަކީ ވެކްސިން ޖަހާ އުމުރު ފުރުއަށް ނުފެތޭ މީހުން. އަދި 73 މީހެއްގެ ވެކްސިނޭޝަން ސްޓޭޓަސް މިހާރު ދަނީ ޓްރެކް ކުރަމުން". އޭނާ ވިދާޅުވިއެވެ.

އިންޑިއާ ކައުންސިލް އޮފް މެޑިކަލް ރީސާޗް އިން ބުނީ، ބޫސްޓާ ޑޯޒް ޖެހުމަށްޓަކައި ފޮލިސީތައް ހެދުމަށް ސިއިންޓްފިކް ޑޭޓާތައް ބަލަމުންދާ ކަމަށެވެ.