ޣައްޒާއިން ފުރަތަމަ ފަހަރަށް އޮމިކްރޮން ވޭރިއެންޓް ފެނިއްޖެއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނީ، އޮމިކްރޮން ވޭރިއެންޓަށް ފައްސިވެފައިވަނީ އެގައުމުގެ ރައްޔިތެއް ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ބަލި ޖެހުނު ގޮތެއް އެ މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެއެވެ.

އެމިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ މަޖްދީ ދައިރ މީޑީއާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މީގެ ކުރިން ވެސް މި ބަލި ޣައްޒާގައި އުޅުނު ކަމަށާއި މިހާރު ބަލި އެކަކު ގައިން އަނެކަކު ގަޔަށް ފެތުރެން ފަށާފައިވާ ކަމަށެވެ.

"ކުރިއަށް އޮތީ އުނދަގޫ ދުވަސްކޮޅެއް ކަމަށް ބެލެވެނީ. ގަބޫލު ކުރެވޭ ގޮތުގައި މި ވޭރިއެންޓް ހީކުރިވަރަށްވުރެ ބާރަށް ފެތުރޭ" އޭނާ ބުނެފައިވެއެވެ.

2.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއިން މިހާތަނަށް 189،83 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، 1،691 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އެގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ މިވަގުތު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ވެސް ފަށާފައެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-10ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮން މިހާތަނަށް ދުނިޔޭގެ 57 ގައުމަކުން ފެނިފައިވާއިރު، މި ވޭރިއެންޓަކީ އެހެން ވޭރިއެންޓްތަކާއި އަޅާބަލާއިރު، ނުރައްކާތެރި ވޭރިއެންޓެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެއީ މި ވޭރިއެންޓް ގިނަ ބަޔަކަށް ޖެހުނު ނަމަވެސް ވޭރިއެންޓްގެ ސަބަބުން މަރުވާ މީހުންގެ އިންސައްތަ އެހެން ވޭރިއެންޓްތަކަށްވުރެ ދަށްވުމުންނެވެ.