ކުޅަދާނަ ލަވަކިޔުންތެރިޔާ އަރްޖީތް ސިންގ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން އިންތިހާއަށް ފެތުރެމުންދާއިރު މި ބަލީގެ ޝިކާރައަށްވާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އިންޑިޔާގެ މަޝްހޫރު ފަންނާނުންވެސް ކޮވިޑަށް ފައްސިވަމުންދާއިރު މި ލިސްޓަށް މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖީތް ސިންހުގެ ނަންވެސް މިވަނީ އިތުރުވެފައެވެ.

އަރްޖީތް އާއި އޭނާގެ އަންހެނުން ކޮއެލް ރޯއީ ވެސް ކޮވިޑަށް ފައްސިވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު އޭނާ ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

އަރީޖީތް އޭނާގެ ފޭސްބުކް އެކައުންޓުގައި އެ ވާހަކަތައް ހިއްސާކުރަމުން ބުނީ މިހާރު އޭނާ ހުރީ ކަރަންޓީނުގައި ކަމަށެވެ.

"އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވް. އަހަރެމެން އެންމެން ވެސް ރަނގަޅު، އަމިއްލައަށް ކަރަންޓީން ވެސް ވެއްޖެއިން" އޭނާ ކުރި ޕޯސްޓުގައި ބުންޏެވެ.

ބޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރ މަދޫރް ބަންދަރުކަރް ވެސް ވަނީ މި ހަފުތާގައި ކޮވިޑް-19 އަށް ފައްސިވެފައެވެ. ކޮވިޑަށް ފައްސިވިކަން ހާމަކޮށް އޭނާ ލިޔުނު ޕޯސްޓެއްގައި ބުނީ އޭނާގެ ގައިން ބަލީގެ އަލާމާތްތައް ވަރަށް ކުޑަކޮށް ފެންނަ ކަމަށާއި އަމިއްލައަށް އެކަހެރިވެފައިވާ ކަމަށެވެ.

"އަހަރެން ކޮވިޑަށް ފައްސި ވެއްޖެ. ވެކްސިން ފުރިހަމަ ކޮށްފައިވީ ނަމަވެސް އާދައިގެ އަލާމާތްތައް ދަނީ ފެންނަމުން. އަމިއްލަ އެކަހެރިވެގެން މީނީ.“ މަދޫރް އާއި ބައްދަލުވި މީހުން އަމިއްލައަށް ޓެސްޓް ކުރަން އިލްތިމާސް ކުރަމުން އޭނާ ޕޯސްޓު ކުރިއެވެ. އަދި އެންމެފަރާތްތައްވެސް ރައްކާތެރިވެ، ކޮވިޑް-19 ގަވައިދުތަކަށް އަމަލުކުރުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.