މިއަހަރު ހައްޖަށް ދެވޭނީ އެއް މިލިއަން މީހުންނަށް ކަމަށް ސައުދީ އަރަބިއާއިން ނިންމައިފިއެވެ.

ސައުދީ އަރަބިއާއިން ބުނީ ފާއިތުވި ދެ އަހަރާއި ހިލާފަ މިއަހަރު ސައުދީ އާއި އެހެން ގައުމުތަކުގެ އެއް މިލިއަން މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

މި އަދަދުތައް އިތުރުކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނީ، އިސްލާމް ދީނުގެ އެންމެ މުގައްދަސް ބިނާ ކަމަށްވާ މައްކާއަށް ކޮންމެ އަހަރަކު މުސްލިމުން ކުރާ ހައްޖުގެ އަޅުކަމަށް ހުއްދަ ދެވޭނީ، ކޮވިޑް-19ގެ ފުރިހަމަ ވެކްސިން ދެވިފައިވާ އަދި އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް އެކަނި ކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގިނަ އަދަދެއްގެ މުސްލިމުންނަށް ހައްޖުގެ އަޅުކަން އަދާކުރެވޭނެ ކަން ކަށަވަރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އަދި އެ ފަރާތްތަކަށް ސަލާމަތާއި ރަައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް ސައުދީ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދޭ،" އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ ސައުދީ އަރަބިއަށް ފުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 އަށް ޓެސްޓްކޮށް ނައްސި ނަތީޖާއެއް އޮންނަން ޖެހޭނެ ކަަމަށެވެ. ހައްޖުގެ އަޅުކަން އަދާކުރަން ސައުދީއަށް ދާ މީހުންނަށް މި އުސޫލު ކަނޑައަޅާފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ކަމަށް ވެސް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަ ދީފައިވަނީ ހާހެއްހައި މީހުންނަށެވެ. ކޮވިޑް-19 ގެ ވޭދަނަތައް ފެނުމުގެ ކުރިން ކޮންމެ އަހަރަކު 2.5 މިލިއަން މީހުން ހައްޖުވުމަށް ސައުދީ އަރަބިއާއަށް ދަތުރުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު