ޕޮލެންޑާއި ބަލްގޭރިއާއަށް ގޭސް ސަޕްލައި ކުރުން ރަޝިއާ އިން ހުއްޓާލައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޔޫރަޕްގެ ދެގައުމު ކަމަށްވާ ޕޮލެންޑާއި ބަލްގޭރިއާއަށް ގޭސް ސަޕްލައި ކުރުން ރަޝިއާ އިން ހުއްޓާލީ އެދެގައުމުން ގޭހަށް ފައިސާ ދައްކާއިރު ރަޝިއާގެ ރުބެލް އިން ފައިސާ ދައްކަން ދެކޮޅު ހެދުމުންނެވެ.

ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ޔޫކްރޭނަށް ތާއިދުކުރާ ޔޫރަޕްގެ ގައުމުތަކަށް އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމުތަކުން ގޭހަށް ފައިސާ ދައްކާއިރު ރަޝިއާގެ ފައިސާ ކަމަށްވާ ރުބެލް އިން ފައިސާ ދައްކަން ރަޝިއާ އިން އޮތީ އަންގާފައެވެ. ރުބެލް އިން ފައިސާ ނުދައްކާނަމަ ގޭސް ސަޕްލައި ނުކޮށްދޭނެ ކަން ވެސް ރަޝިއާ އިން އޮތީ ކުރިން އަންގާފައެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުން ބަރޯސާ ވަނީ ރަޝިއާގެ ގޭހަށެވެ. އެހެންކަމުން ރަޝިއާގެ ނިންމުމަށް ބޯނުލަނބާ ގައުމުތަކަށް ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެއެވެ.

ބަލްގޭރިއާ އާއި ޕޮލެންޑްގެ ސަރުކާރުން ބުނީ މިއަދުން ފެށިގެން ގޭސް ސަޕްލައި ކޮށްނުދޭނެކަން ރަޝިއާގެ ގޭސް ކުންފުނި ގޭޒްޕްރޯމް އިން ވަނީ އަންގާފައެވެ.

ޕޮލެންޑާއި ބަލްގޭރިއާ އިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ރަޝިއާ އިން ގޭސް ސަޕްލައި ކުރުން ހުއްޓާލުމުން ގޭސް ލިބޭނެ އިތުރު ގޮތްތައް ބަލަމުންނެވެ. ދެގައުމުގެ ސަރުކާރުން ވެސް ބުނާ ގޮތުގައި މިވަގުތު އަދި ގޭސް ނުލިބުމުގެ ސަބަބުން ދައްޗެއް ނުވާވަރަށް ދެގައުމުގައި ވެސް ގޭސް އެބަހުއްޓެވެ.

ރަޝިއާގެ ކުންފުނި ގޭޒްޕްރޯމް އިން އެގައުމުގެ ސަރުކާރަށް ބޯލަނބާ، ގޭސް ސަޕްލައި ކުރުން ހުއްޓާލި ނަމަވެސް ޔޫރަޕްގެ ގައުމުތަކުން ބުނާ ގޮތުގައި ގޭސްޕްރޯމް އާއިއެކު ގައުމުތަކުން ވެފައި އޮތް އެއްބަސްވުންތަކަށް ބަލާއިރު އެގޮތައް ގޭސް ސަޕްލައި ކުރުން ހުއްޓައެއް ނުލެވޭނެއެވެ.

ގޭޒްޕްރޯމް އިން ގޭސް ސަޕްލައި ކުރުން ހުއްޓާލުމުން އެކުންފުންޏާއި ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވެއެވެ. އޭގެތެރޭގައި އެކުންފުނީގެ މުދަލާއި ޔޫރަޕްގެ ބޭންކްތަކުގައި ހުރި ކުންފުނީގެ ފައިސާ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ބެލެވެއެވެ.