ފާއިތުވެގެން ދިޔަ ތިން މަހެއްހާ ދުވަސް ތެރޭ ރަޝިއާގެ ނަން މަޝްހޫރު ފަސް ވިޔަފާރިވެރިއަކު އަމިއްލައަށް މަރުވި ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

ސީއެންއެން ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަމިއްލައަށް މަރުވެފައިވާ ވިޔަފާރިވެރިންގެ ތެރެއިން ތިން މީހަކު ވަނީ އެމީހުން މަރުވުމުގެ ކުރިން އާއިލާގެ ބައެއް މެމްބަރުން ވެސް މަރާލާފައެވެ. އޭގެ ތެރެއިން ހަތަރު ވިޔަފާރިވެރިންނަކީ އެގައުމުގެ ސަރުކާރުގެ ހަކަތަ އުފައްދާ ކުންފުންޏެއް ކަމަށްވާ ގަޒްޕްރޮމް އާއި ގުޅުން އޮންނަ މީހުންނެވެ.

އެގޮތުން އެކުންފުނީގެ ޓްރާންސްޕޯޓްގެ އިސްވެރިޔާ ލިއޮނިޑް ޝުލްމަން މަރުވެފައި އޮއްވާ ފެނިފައިވަނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ލެނިނސްކައި އަވަށުގައި އޭނާ ދިރިއުޅެމުން އަންނަ ގޭއިންނެވެ. އޭނާ މަރުވިއިރު، ނޯޓެއް ވެސް ދޫކޮށްފައިވާތީ ކަމާއި ބެހޭ އިދާރާތަކުން ވަނީ އޭނާ އަމިއްލައަށް މަރުވި ކަމަށް ނިންމާފައެވެ.

އޭގެ ފަހުން ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެކުންފުނީގެ އިތުރު އިސްމީހަކު ވެސް މަރުވެފައި އޮއްވާ ފެނުނު ކަމަށާއި އެއީ ވެސް އަމިއްލަ އަށް މަރުވި މީހެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޔޫކްރޭނަށް އުފަން ރަޝިއާގެ ބިލިނިއަރެއް ކަމަށްވާ މިކައިލް ވަޓްފޯޑް ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އޭނާ ދިރިއުޅެމުން އަންނަ އިނގިރޭސިވިލާތުގެ ގޭގައި މަރުވެފައި އޮއްވާ ފެނުނު ކަމަށާއި އާއިލާއާއި އެކީ މެޑްސްޓޮމްގެ އިސްވެރިޔާ މަރުވެފައިވާ އޮއްވާ މާޗް މަހުގެ 23 ވަނަ ދުވަހު ފެނިފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި މަރުތަކަށް ފަހު މިމަހުގެ ކުރީ ކޮޅު ރަޝިއާގެ އިތުރު ދެ ވިޔަފާރި ވެރިއަކު ވެސް މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގަޒްޕްރޮމްބޭންކުގެ ނައިބު ރައީސް ވްލަޑިސްލަވް އަވަޔެވް އާއި އެބޭންކުގެ ކުރީގެ ނައިބު ރައީސް އިގޮ ވޮލޮބުއެވްއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި މަރުތަކާއި ގުޅިގެން އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން އަންނަނީ ވަރުގަދަ ތަހުގީގެއް ފަށައިގެން ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު