ފިންލޭންޑަށް ކަރަންޓް ދިނުން މާދަމާ އިން ފެށިގެން ރަޝިއާ އިން ހުއްޓާލާނެ ކަމުގެ އިންޒާރު އެގައުމުން ދީފިއެވެ.
ފިންލޭންޑަށް ކޭބަލް އަޅައިގެން ރަޝިއާގެ ނިއުކްލިއާ ޕަވާ ޕްލާންޓްތަކުން ކަރަންޓް ފޯރުކޮށްދެއެވެ. ފިންލޭންޑުން ނޭޓޯގެ މެންބަރަކަށް ވުމަށް ހުށަހެޅިތާ އެއްދުވަސް ފަހުން މިއަދު ރަޝިއާގެ ޔުޓިލިޓީ ކުންފުނިން ބުނީ މާދަމާ އިން ފެށިގެން ފިންލޭންޑަށް ކަރަންޓް ފޯރުކޮށްދިނުން ހުއްޓާލާނެ ކަމަށެވެ.
ފިންލޭންޑަށް ކަރަންޓް ދިނުން ރަޝިއާ އިން ހުއްޓާލަނީ ކަރަންޓަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ ކަމަށް ވެސް ރަޝިއާ އިން ބުނެއެވެ. ފިންލޭންޑުން ބުނާ ގޮތުގައި ފައިސާ ދެއްކުމަށް ދަތިވެފައި ވަނީ ރަޝިއާ އާއި ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ފިންލޭންޑުން ބުނާ ގޮތުގައި ރަޝިއާ އިން އެގައުމަށް ކަރަންޓް ދިނުން ހުއްޓާލި ނަމަވެސް ކަރަންޓްގެ ހިދުމަތައް ބުރުލެއް ނާރާނެއެވެ. ރަޝިއާ އިން ފިންލޭންޑަށް ފޯރުކޮށްދެނީ ފިންލޭންޑަށް ބޭނުންވާ ކަރަންޓްގެ %10 އިންސައްތައެވެ. ރަޝިއާ އިން ކަރަންޓް ދިނުން ހުއްޓާލުމުން މަދުވާބައި ފޫބެއްދުމަށް ރަޝިއާ އިން ނިންމާފައި ވަނީ އެގައުމުން ކަރަންޓް އުފައްދާ މިންވަރު އިތުރުކޮށްގެންނާއި ސްވިޑިން އިން ކަރަންޓް ހޯދައިގެންނެވެ.
ފިންލޭންޑްގެ މީޑިއާތަކުން ބުނާ ގޮތުގައި ފިންލޭންޑް ނޭޓޯ އާއި ގުޅެން ނިންމުމުން ރަޝިއާ އިން މިހާރު ވަނީ ފިންލޭންޑަށް ގޭސް ފޯރުކޮށްދިނުން ހުއްޓާލަން ވެސް ނިންމާފައެވެ. ނަމަވެސް އެކަން އަދި ފިންލޭންޑް ސަރުކާރުން ވެސް އަދި ރަޝިއާ ސަރުކާރުން ވެސް ރަސްމީކޮށް ކަށަވަރު ކޮށެއް ނުދެއެވެ.
ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށުމުން ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް އަދިވެސް ހަނގުރާމަ ހުއްޓާލަފާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.
އަވަހަށް ހުއްޓާލަންވީ. އޭރުން އެނގިދާނެތާ އެމެރިކާއިން ނެންޏާ. ބޮޑު އަނގަ އެމެރިކާ، ބޮޑު މީޑިއާ އެމެރިކާގެ ދޮގުބޮނޑި ފަޅާއަރާނެ.
ރޮއިޓަސް އެއީ މުސްލިމުގެ ހަތުރެ