ނިރުބަވެރިކަމުގެ (ޓެރަރިޒަމް)ގެ ހަރަކާތްތައް އިތުރުވުމުގެ ޒިންމާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރުގެ ބޮލުގައި މިހާރު އެގައުމުގައި ހިންގާ ސަރުކާރުން އަޅުވައިފިއެވެ.

2021 ވަނަ އަހަރު ނިރުބަވެރިކަމުގެ ހަރަކާތްތައް %56 އިތުރުވުމުގެ ޒިންމާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރަށް އަޅުވަމުން އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ ކުރީގެ ސަރުކާރުގެ ދައުރުގައި ނެޝަނަލް އެކްޝަން ޕްލޭން (އެންއޭޕީ) ތަންފީޒު ނުކުރާ ކަމަށެވެ.

ޝެހްބާޒް ޝަރީފް ވިދާޅުވީ ހުވާ ކުރެއްވި ފުރަތަމަ ދުވަހުން ފެށިގެން ވެސް ސަރުކާރުން ހާލަތު ވަޒަން ކުރަމުން އަންނަ ކަމަށާއި ވީ އެންމެ އަވަހަކަށް އެންއޭޕީ އަލުން އިއާދަކުރާނެ ކަމުގެ ޔަގީންކަން ޕާކިސްތާނުގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ މި ތުހުމަތުތަކެއް ކުރައްވާފައި ވަނީ، ޕާކިސްތާން އިންސްޓިޓިއުޓް ފޮރ ކޮންފްލިކްޓް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ޕީއައިސީއެސްއެސް) އިން ނެރުނު ރިޕޯޓެއްގައި މިދިޔަ އަހަރު ނިރުބަވެރިކަމުގެ ހަރަކާތްތައް 56 އިންސައްތަ އިތުރުވެފައިވާ ކަމަށް ބުނެފައިވުމުންނެވެ. އެ ރިޕޯޓުގައިވާ ގޮތުން 2021 ވަނަ އަހަރު ހަނގުރާމަވެރިން ވަނީ 294 ހަމަލާ ދީ 388 މީހުން މަރާލައި އިތުރު 606 މީހުން ޒަހަމްކޮށްލައިފަ އެވެ.

އާދީއްތަ ދުވަހު ލާހޯރުގައި ބޭއްވި ގާނޫނާއި ގަވައިދުގެ ބައްދަލުވުމެއްގެ ރިޔާސަތު ބެލެހައްޓަވަމުން ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވީ ނެޝަނަލް އެކްޝަން ޕްލޭންގައި ޕްރޮވިންސްތަކުގެ ދައުރު އަލުން އިއާދަކުރެވޭނެ ކަމަށާއި އެއީ މިދިޔަ ހަތަރު އަހަރު ވެސް ނެތް ދައުރެއް ކަމަށެވެ.

އެންއޭޕީ ޕްރޮވިންސްތަކުގެ ދައުރު އިހުމާލުވުމުގެ ސަބަބުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ނިރުބަވެރިކަން އިތުރުވެފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާމީ ޕަބްލިކް ސްކޫލަކަށް ދިން ނިރުބަވެރިކަމުގެ ހަމަލާގައި 150 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއަކީ އެ ގައުމުގައި މިހާތަނަށް ހިނގި އެންމެ ބިރުވެރި ހާދިސާއެވެ. ޕާކިސްތާނުގެ މީޑިއާއިން ބުނެފައިވަނީ، މި ނުރައްކާތެރި ހަމަލާގައި 132 ވަރަކަށް ކުޑަކުދިން މަރުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދުވަގާރު

    މުސްލުމުންގެ ކަމަކީ ޓެރރިޒަމް ގެ އަމަލު ތައް ފެތުރުން