ސްރީ ލަންކާގެ ކޮލަމްބޯގައި ހުންނަ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގައި ޕޯސްޓް ހޯދަން ކިއުގައި ހުރި މާބަނޑު އަންހެނަކު ކުއްލިއަކަށް ބަނޑުގައި ރިއްސައިގަނެގެން އުޅެނިކޮށް ވިހައިފިއެވެ.

އެ ތަނުގައި ހަރަކާތްތެރިވި ސެކިއުރިޓީ ފޯސްގެ އޮފިޝަލުންނަށް އެ އަންހެން މީހާ ބަނޑުގައި ރިއްސާތީ އުޅުނު މަންޒރު ފެނުމާއެކު، ކާސްޓްލް ހޮސްޕިޓަލަށް ގުޅާ އޭނާ އެތަނަށް ގެންދިއުމަށް މަސައްކަތް ކުރިއެވެ.

އިމިގްރޭޝަންގެ ޗީފް ސެކިއުރިޓީ އޮފިސަރ ބުނީ، ހެޓަން އަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އެ އަންހެން މީހާ އާއި 25 އަހަރުގެ އޭނާގެ ފިރިމީހާ ޕާސްޕޯޓް ހޯދުމަށް ކިއުއަށް އަރާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އަދި ހެނދުނުގެ ވަގުތެއްގައި އޭނާ ބަނޑުގައި ރިއްސާތީ އުޅުނުއިރު، އޭނާ ހޮސްޕިޓަލަށް ގޮސްފައި ވަނީ ސިފައިންގެ އެހީގައެވެ.

ހޮސްޕިޓަލްގެ މަސްދަރުތަކުން ބުނާގޮތުގައި، އެ އަންހެން މީހާ ވިހާފައި ވަނީ އަންހެން ކުއްޖެކެވެ. އަދި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފައި ވެއެވެ.