ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް އަމާޒުވި ބަޑީގެ ހަމަލާގައި ޒަހަމްވި ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޭ އަބޭ އަށް ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެއެވެ.

ކުރީގެ ބޮޑުވަޒީރު އަބޭ އަވަހާރަވިކަން ކަށަވަރުކޮށްދެއްވާފައި ވަނީ ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ މަސްދަރުތަކާ ހަވާލާދީ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭ އިންނެވެ.

“އެލްޑީޕީ (ލިބަރަލް ޑިމޮކްރެޓިކް ޕާޓީ)ގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުރީގެ ބޮޑުވަޒީރު އަބޭ އަވަހާރަވީ ނާރާ ސަރަހައްދުގެ ކާޝިހާރާ ސިޓީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް". އެންއެޗްކޭ ބުނެފައި ވެއެވެ.

ބަޑިން ހަމަލާ ދިނީ އަބޭގެ ފުރަގަހުގައި ހުރި މީހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ބަޑި ޖަހާފައި ވަނީ އަބޭގެ ފުރަގަހުން މެއާއި ދިމާއަށެވެ. ހަމަލާ ދިން ފަހުން އަބޭގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް މަންޒަރުދުއް މީހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އުމުރުފުޅުން 67 އަހަރުގެ އަބޭ އަކީ ޖަޕާނުގެ އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ.

އަބޭއަށް ހަމަލާދީފައި ވަނީ މާދަމާ އޮންނަ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ އިންތިހާބުގެ ކެމްޕޭންގައި ވާހަކަފުޅުދައްކަވަމުން ގެންދަވަނިކޮށެވެ.

މި ހަމަލާއާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ އެއީ ސިހުން ގެނުވި ހަބަރެއް ކަމަށް ވިދާޅުވެ، އެކަން ކުށްވެރި ކުރައްވާފައެވެ.

ފުލުހުން ބުނީ ބަޑިޖެހި ކަމަށް ޝައްކުކުރެވޭ 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޮގުބާ

    ބަރަކާތް ތެރި ފުވަހެއްގަ ނުބައި ސައިތާނެއްގެ އަތްދަށުވެ މިދުނިޔެ ދޫކުރެއްވީ

    11
    3
  2. ކުޑަހޮއްކޮ

    ވަރައް ހިތާމަވެރި ޚަބަރެއްޖަޕާނަކީރާއްޖެއައް ވަރައްގިނަ އެހީތައްވާގައުމެއް ޖަޕާނައްމިލިބުނު ހިތާމައިގަ އަޅުގަނޑާއި އައިލާބައިވެރިވެ ތައުޒިއްޔާކިޔަން

    31
    2
  3. މީ

    😮

  4. ރަން ރީނދޫ

    ހަމަ އަންތަރީސް ވެއްޖެ. އެއްވެސް ޙައްޤެއް ނެތި މަރާ ވައްޓާލަނީ މަގު މައްޗައް. ތެދުވެރި ޚިދުމަތުގެ ބަދަލު ދޭ ގޮތަކީ މިއީ ތަ. މީހުންނަށް ކިހިނެއް ވެގެން ތަ މި އުޅެނީ.