ސްރީލަންކާގެ ރައީސް ކަމުގެ ހުވާ ރަނިލް ވިކްރަމަސިންހަ މިއަދު ކުރައްވައިފިއެވެ.

ލަންކާގެ ވަގުތީ ރައީސްކަމުގެ މަގާމާ މިދިޔަ ހަފްތާގައި ހަވާލުވެވަޑައިގެންނެވި ރަނިލްއަކީ މިހާރު ސްރީލަންކާގެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއްބޭފުޅާއެވެ.

ސްރީލަންކާގެ އަށް ވަނަ ރައީސް ކަމުގެ ހުވާ ރަނިލް ކުރައްވާފައިވާއިރު އޭނާ ރައީސްކަމުގެ ހުވާކުރެއްވީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައެވެ. އުމުރުން 73 އަހަރުގެ ވިކްރަމަސިންހަ ރައީސްކަމުގެ ހުވާ ކުރެއްވީ އެގައުމުގެ އުއްތަމަ ފަނޑިޔާރު ޖަޔަންތަ ޖަޔަސޫރިޔާގެ ކުރިފުޅުމަތީގައެވެ.

ވިކްރަމަސިންހަ ރައީސް ކަމަށް އައްޔަން ކުރެވުނީ އެގައުމުގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ގައުމު ދޫކޮށް ފިއްލަވައިވަޑައިގަތުމުންނެވެ. 1993 ވަނަ އަހަރުގެ މެއި މަހު އޭރުގެ ރައީސް ކަމުގައި ހުންނެވި އާރް ޕްރޭމަދާސާ އަވަހާރަވުމާ ގުޅިގެން، ޑީ.ބީ ވިޖެތުންގާ، އެއްވެސް ވާދައެއް ނެތި އިންތިޚާބު ކުރެވުނެވެ. މިއީ މިފަދަ ކަމެއް ލަންކާގެ ރައީސަކާ ދިމާވި ދެވަނަ ފަހަރުކަން ފާހަގަ ކުރެވެއެވެ.

ރައީސްކަމަށް ވިކްރަމަސިންހަ އިންތިޚާބުވެވަޑައިގެންނެވިއިރު ލަންކާ އޮތީ އިގްތިސާދީ ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައެވެ. އެގައުމަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް އަވަސް ހައްލެ ހޯއްދެވުމަށް އާ ރައީސް ވަރަށް އިސްކަމެއް ދެއްވަން ޖެހިވަޑައިގަންނަވާނޭ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ 225 މެމްބަރުންގެ ތެރެއިން ވިކްރަމަސިންހަ އަށް 134 ވޯޓު ލިބިވަޑައިގެންނެވި އިރު، އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ވެރިކަންކުރާ ޕާޓީގެ ލީޑަރު ދުލާސް އަލަހަޕްޕެރޫމާއެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 82 ވޯޓެވެ. ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި ލަންކާގެ ވާތުފިޔައިގެ ޖަނަތާ ވިމުކްތީ ޕެރަމުނާ ގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކައަށް ލިބިވަޑައިގެންނެވީ އެންމެ ތިން ވޯޓެވެ.

އެތައް މަހެއްވަންދެން ލަންކާގައި ބޮޑެތި މުޒާހަރާތަކަށްފަހު، އިގްތިސާދު ހީނަރުވެ، ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތާ ރައީސް ވިކްރަމަސިންހަ ވަރަށް ވިސްނުންތެރިކަމާއެކު ކުރިމަތިލައްވަން ޖެހިވަޑައިގަންވާނެއެވެ.