ރަޝިއާގެ ސްކޫލެއްގެ ތެރޭގައި ބަޑި ޖަހައި ގިނަބަޔަކު މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ބަޑި ޖެހުމުގެ ހާދިސާގައި މިހާތަނަށް ހަ މީހަކު މަރުވެފައިވާއިރު، 20 މީހަކު ވަނީ ޒަހަމްވެފައެވެ.

ބަޑީގެ ހަމަލާތައް ދީފައި ވަނީ ރަޝިއާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ އިޒްހެވްސްކްގެ ސްކޫލެއްގައެވެ.

އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނީ،ބަޑިޖަހާލި މީހާގެ ހަށިގަނޑު މިހާރު ފުލުހުންނަށް ފެނިފައިވާ ކަމަށާއި، އޭނާ އަމިއްލައަށް މަރުވެއްޖެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

އެންއޯ88 ސްކޫލް ކައިރީގައި ހުރެގެން ގަވަރުނަރު އެލެގްޒެންޑަރ ބްރެޗަލޯވް ވިދާޅުވީ މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ. އެގޮތުން މިހާތަނަށް ފަސް ދަރިވަރަކު ވަނީ އެ ހާދިސާގައި މަރުވެފައެވެ.

ގަވަރުނަރު އާއްމު ކުރި އެ ވީޑިއޯގައ ރެސްކިއު އާއި މެޑިކަލް މަސައްކަތްތެރިން އެތަނުގައި މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެނިގެންދާއިރު، ބައެއް މީހުން ސްޓްރެޗާ ހިފައިގެން ސްކޫލް ތެރޭގައި ހަރަކާތްތެރިވާ ތަންވެސް ފެނިގެން ދެއެވެ.

ގާތްގަނޑަކަށް 630،000 މީހުން ދިރިއުޅޭ ސިޓީއެއް ކަމަށްވާ އިޒެވްސްކް އަކީ މޮސްކޯގެ އިރުމަތީގައި ގާތްގަނޑަކަށް 1،000 ކިލޯމީޓަރު ދުރުގައި އޮންނަ ރަޝިޔާގެ އުޑްމުރްޓް ރިޕަބްލިކްގެ ސަރަހައްދީ ވެރިރަށެވެ.

ކިޔުންތެރިންގެ ހިޔާލު