އިތިއޯޕިއާގެ ޓިގްރޭ ސަރަހަދުގައި ކުރިއަށްދިޔަ ދެ އަހަރުވީ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.

އިތިއޯޕިއާގެ ސަރުކާރާއި ޓިގްރޭގެ "މިނިވަންކަމަށް" މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް، (ޓީޕީއެލްއެފް) އާއި ދެމެދު ކުރެވެމުންދިޔަ މި ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް މި ދެ ފަރާތުން އެއްބަސްވެފައިވަނީ އިއްޔެއެވެ.

ޓީޕީއެލްއެފް އަކީ އިތިއޯޕިއާގައި ކުރިން ވެރިކަންކުރި ޕާޓީއެވެ. މިހާރު މަނާކޮށްފައިވާ މި ސިޔާސީ ޕާޓީ އިތޮއޯޕިއާގެ ސަރުކާރުން ކަނޑައަޅާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ.

މި ސުލްހައިގެ އެއްބަސްވުމުގައި މެދުވެރިއެއްގެ ރޯލު އަދާކޮށްފައިވަނީ ނައިޖީރިއާގެ ކުރީގެ ރައީސް އޮލުސެގުން އޮބަސާންޖޯ އެވެ. މި އެއްބަސްވުމުގައި ސޮއި ކޮށްފައިމިވަނީ ރަސްމީ ގޮތުން ސުލްހައިގެ މަޝްވަރާތައް ފެށިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

މި އެއްބަސްވުމާއެކު އިރުއަރާނީ "އާ ދުވަހަކަށް" ކަމަށާއި، މިއީ ސުލްހައިގެ މަސައްކަތުގެ ފުރަތަމަ މަރުހަލާކަމަށް އޮބަސާންޖޯ ވިދާޅުވިއެވެ.

އިތޮއޯޕިއާގެ ބޮޑުވަޒީރު އަބިއްޔް އަހުމަދު ވިދާޅުވެފައިވަނީ މި އެއްބަސްވުމަކީ ލިބުނު ކާމިޔާބެއްކަމަށާއި، މި އެއްބަސްވުމަށް އިހުތިރާމްކޮށް އޭގައިވާ ކަންތައްތައް ތަންފީޒުކުރައްވާނެ ކަމަށެވެ.

ޓީޕީއެލްއެފްގެ ލީޑަރު ގެޓަޗޫ ރޭޑާ ބުނެފައިވަނީ އެމީހުންގެ މީހުން ތަހަމަލުކުރަމުންދާ ވޭން ކުޑަކުރުމަށާއި އިތުބާރު ހިފެއްޓުމަށް އެއްބަސްވުމުގައި ޝަރުތުތަކެއް ކަނޑައަޅާފައިވާނެކަމަށެވެ. މި އެއްބަސްވުމަށް އަމަލުކުރާނެކަމުގެ ޔަގީންކަން އޭނާ ދިފައިވެއެވެ. މަޝްވަރާކޮށްގެން އެއްބަސްވުމަކާއި ހަމައަށް އާދެވުނުކަމީވެސް، ދެފަރާތުންވެސް ކުރީގައިވެފައި ހުރި ކަންތައްތައް ފަހަތަށް ޖައްސާލާ ސުލްހައިގެ އާ މަގަކުން ހިނގުމަށް ތައްޔާރަށް ތިބިގެން ހާމަކޮށްދޭ ކަމެއް ކަމަށް ރޭޑާ އިތުރަށް ބުނެފައިވެއެވެ.

އދ. އިންވެސް ވަނީ މި އެއްބަސްވުމަށް މަރުހަބާކިޔާފައެވެ. އަދި މިއީ ފުރަތަމަ ފިޔަވަޅު ކަމަށާއި މީގެ ސަބަބުން ހަނގުރާމައިގައި އަސަރުކޮށްފައިވާ އެތައް މިލިއަން ރައްޔިތުންނަކަށް ހިތްހަމަޖެހުން ލިބިގެންދާނެކަމަށް އދ އިންވަނީ ބުނެފައެވެ.

މި ދާޚިލީ ހަނގުރާމައިގެ ސަބަބުން ޓިގްރޭ އޮތީ އެހެން ހިސާބުތަކާއި ވަކިވެފައެވެ. އެހިސާބުގެ ހޮސްޕޓަލްތަކުން ބޭސް ހުސްވެ، އެހިސާބުންވަނީ ކަރަންޓާއި ފޯނުގެ ހިދުމަތްވެސް ކެނޑިފައެވެ. އަދި އެތައް ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ވަނީ ބަނޑަށްޖެހިފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މައުލޫމާތުދޭ ގޮތުގައި ޓިގްރޭގެ އުތުރުގެ ސަރަހައްދުގައި ގާތްގަނޑަކަށް 90 އިންސައްތަ މީހުންނަށް ކާނާގެ އެހީ ބޭނުންވެއެވެ. މިއެއްބަސްވުމުގެ ދަށުން އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އެހިސާބަށް ދިއުމަށް ކުރިން ބަންދުވެފައިވާ މަގުތައް ހުޅުވިގެންދާނެއެވެ.