އިތިއޮޕިއާގެ ހަނގުރާމަވެރި ޓިގްރޭ ސަރަހައްދުގައި އެރިޓްރިއާ ސިފައިން އޭނާއާއި އާއިލާ ގުޅުން އޮތް ބޭފުޅެއް މަރާލައިފި ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޯސް އަޑްހަނޮމް ގިބްރިޔޭސިސް ވިދާލުވެއްޖެއެވެ.

ކޮވިޑް-19އާއި ގުޅޭ ގޮތުން ބުދަ ދުވަހު ޖެނީވާގައި ބޭއްވި ޑަބްލިއުއެޗްއޯގެ ބްރީފިންގައި ވާހަކަ ދައްކަވަމުން ޓެޑްރޯސް ވިދާޅުވީ އޭނާއަށް މި ޚަބަރު ލިބިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގައި ކަމަށެވެ. އޭނާގެ ބޮޑުބޭބެގެ އިތުރުން އެ ސަރަހައްދުގައި އެރިޓްރިއާ ސިފައިން ހިންގި ޖަރީމާގައި އެއްފަހަރާ 50 އަށްވުރެ ގިނަ މީހުން ޤަތުލުކޮށްފައި ވާކަމަށްވެސް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށް ޓެޑްރޯސް ވިދާލުވިއެވެ. މި ތުހުމަތާއި ގުޅޭ ގޮތުން އެރިޓްރިއާ އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މަރުވި އާއިލާ މެމްބަރުއާއި ބެހޭގޮތުން އުމުރުން 57 އަހަރުގެ ޓެޑްރޯސް ވިދާޅުވީ އޭނާއަކީ އާއިލާގެ އެންމެ ހަގު މެންބަރު ކަމަށެވެ. "ބޮޑުބޭބެއަކީ ގާތްގަނޑަކަށް [އަހަރެންނާ] އެއް އުމުރެއްގެ މީހެއް" ޓެޑްރޯސް ވިދާޅުވިއެވެ. އޭނާގެ މަރާއި ގުޅޭގޮތުންް ޓެޑްރޯސް އިތުރު މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.

އިތިއޮޕިއާ ސަރުކާރާއި ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓާ ދެމެދު ނޮވެމްބަރު މަހު ސޮއިކުރި ސީސްފަޔަރ އެގްރީމެންޓްގެ ސަބަބުން މި ހަނގުރާމައިގައި އެތަކެއް އާންމުންނަށް ލިބިގެންދާ ގެއްލުންތައް ވަގުތީގޮތުން ވިޔަސް މެދުކެނޑިގެންދާނެ ކަމަށް ޑރ. ޓެޑްރޯސް އުންމީދުކުރައްވައެވެ. އެހެންނަމަވެސް އެރިޓްރިއާގެ ސިފައިންނާއި އިތިއޮޕިއާގެ އަވަށްޓެރި އަމްހާރާ ސަރަހައްދުގެ ބާރުތައް މި އެއްބަސްވުމުގައި ބައިވެރިވެފައެއް ނުވެއެވެ.

ޓިގްރޭގައި މި ހަމަނުޖެހުން ފެށިގެން އައީ 2020 ވަނަ އަހަރުގެ ފަހުކޮޅު އިތިއޮޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު އެގައުމުގެ އުތުރު ސަރަހައްދުގެ ބަޔަކާއި ދެކޮޅަށް އަސްކަރީ ހަމަލާއެއް ދިނުމަށް އަމުރު ކުރުމުންނެވެ. މި ހަނގުރާމައިގެ ސަބަބުން އެފްރިކާގެ އާބާދީ ބޮޑު އެ ގައުމުގެ އެތައް ހާސް ބަޔަކު މަރުވެ، 350،000 މީހުން ބަނޑުހައިހޫނުކަމުގެ ހާލަތެއްގައި ދިރިއުޅުމަށް ވަނީ މަޖުބޫރުވެފައެވެ.