ޗައިނާގެ ކޯސްޓްގާޑް އުޅަނދުތައް ޖަޕާނުގެ ކަނޑުގެ ސަރަހައްދުގައި 72 ގަޑިއިރު ހަރަކާތްތެރިވި ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ. މިއީ 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެންމެ ގިނަ ވަގުތު މިސަރަހައްދުގައި ޗައިނާއިން ހަރަކާތްތެރިވި ވަގުތުކަމަށް ޖަޕާނުގެ ކޯސްޓް ގާޑުން ބުނެފައިވެއެވެ.

އުޅަނދުތައް އުޅެމުން ދިޔަ ކަމަށް ރިޕޯޓްކޮށްފައިވަނީ ސެންކެކޫ ރަށްތަކުގެ ކައިރީގައެވެ. މި ރަށްތަކަކީ ޗައިނާގެ އިށިގަކީގެ އޮކިނަވާ އަވަށަށް ނިސްބަތްވާ ބައެއްކަމަށް ކަނޑައަޅާފައިވަނީ 2012 ވަނަ އަހަރުއެވެ.

މި އަހަރަކީ ޖަޕާނާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް 50 އަހަރުފުރޭ އަހަރެވެ. ނަމަވެސް ގަވައިދާ ހިލާފަށް ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ވަނުމަކީ މި ގުޅުމަށް ބުރޫއަރާފާނެކަމެކެވެ.

ޖަޕާނުގެ ކޯސްޓް ގާޑުން ބުނެފައިވާ ގޮތުގައި ޗައިނާގެ ދެ އުޅަނދެއް ވަދެފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:34 ގައެވެ. ޖުމްލަ ހަތަރު އުޅަނދު ވަނުމަށްފަހު އެސަރަހައްދު ދޫކޮށް ގޮސްފައިވަނީ އާދީއްތަ ދުވަހުގެ 10:19 ގައެވެ. އެއީ މުޅިންހެން 72 ގަޑިއިރާއި 45 މިނެޓަށްފަހުގައެވެ. މި ވަގުތުގައި ޖަޕާނުން ދިޔައީ ކެނޑިނޭޅި ޗައިނާގެ އުޅަނދުތަކަށް އެތައް ފަހަރު އިންޒާރުދެމުންނެވެ. މިސަރަހައްދަށް އެންމެފަހުން ޗައިނާއިން ވަދެފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. އެފަހަރު 64 ގަޑިއިރާއި 17 މިނެޓަށް އެސަރަހައްދުގައި އެ އުޅަނދުތައް ހަރަކާތްތެެރިވެފައިވެއެވެ.

ޗައިނާގެ ކޯސްޓް ގާޑުން ވަނީ މިއަހަރު މިހާތަނަށް 36 ދުވަހު އެ ސަރަހައްދަށް ވަދެފައެވެ. މީގެ އިތުރުން މިދިޔަ އަހަރު 40 ދުވަހު އެ ސަރަހައްދުގައި ޗައިނާއިން ގަވައިދާ ހިލާފަށް ވަދެފައިވެއެވެ. މިދިޔަ މަހު ޗައިނާގެ މަނަވަރެއްވެސް ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވެއެވެ. ޗައިނާއިން މީގެ ކުރިން ބުނެފައިވަނީ އެސަރަހައްދަށް ވަދެފައިވަނީ ތަމްރީނުތަކެއް ހަދަން ކަމަށެވެ.