ޔޫކްރެއިން ސިފައިންގެ މީހެއްގެ ހެލްމެޓް ފޫ އަޅާފައި ވަޒަން ދިޔަ ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށް ބައިނަލްއަގުވާމީ ބައެއް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ރަޝިއާ ސިފައިން ޔޫކްރެއިން އަށް އަރާ ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިން ދިފާއު ކުރުމުގައި ގިނަ އަދަދެއްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ 24 ގައި ފެށި ހަނގުރާމަ އަށް އެއް އަހަރު ވާން ކައިރިވާ އިރު، ހަނގުރާމަ ނިމެން އުޅޭ ކަމުގެ ކޮޅުމައްޗެއް އަދި ނުފެނެއެވެ.

މި ހަނގުރާމައިގައި ރަޝިއާ އާއި ޔޫކްރެއިންގެ ގިނަ އަދަދެއްގެ ސިފައިން ވަނީ މަރުވެފައެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ ފޫޓޭޖަކުން ފެންނަނީ ސިފައިންގެ މީހާގެ ހެލްމެޓްގެ ތެރެއިން ވަޒަން ވަދެގެން ގޮސްފައި އިން މަންޒަރެވެ. އެ ވަޒަން ސިފައިންގެ މީހާގެ ބޮލަށް ވަނުމުގެ ބަދަލުގައި ހެލްމެޓްގެ އަނެއް ފަރާތުން ނުކުމެގެން ގޮސްފައިވެއެވެ.

މި ހާދިސާގެ ސަބަބުން ސިފައިންގެ މީހާ ވަރަށް ބޮޑަށް ސިހިގެން ދިޔައެވެ. ވަޒަން ނޭރި ނަމަވެސް، އޭނާގެ ބޮލުން ތަންކޮޅެއް ދުޅަވެފައި ހުއްޓާ ފެނެއެވެ. މި މަންޒަރު ނެގި ގަޑީގައި ވެސް ރަޝިއާ އާއި ޔޫކްރެއިން އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރި އަޑުފަތްގަނޑު އިވިފައިވެއެވެ.

މިކަން ހިނގާފައި ވަނީ މިދިޔަ އަހަރުގެ އެންމެ ފަހު މިނެޓުތައް ގުނަމުން ދިޔަ ވަގުތުކޮޅުގައެވެ.

ބައެއް ރިޕޯޓްތަކުން ހާމަކޮށްފައިވާ ގޮތުގައި އެވަގުތުކޮޅުގައި އެތައް ސަތޭކަ ރަޝިޔާ ސިފައިން ވަނީ ޔޫކްރެއިން އަސްކަރިއްޔާ އަތުން މަރުވެފައެވެ. މި ހަނގުރާމައަށް މިހާރު 300 އަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

މިދޔަ ބުރާސްފަތި ދުވަހުން ފެށިގެން ރަޝިއާއިން ދަނީ ހުއްޓުމެއްނެތި އަނެއްކާވެސް ޔުކްރެއިނަށް ހަމަލާތައް ދެމުންނެވެ. އެގޮތުން ހުކުރު ދުވަހަކީ މި ހަނގުރާމަ ފެށުނު ފަހުން ރަޝިއާއިން ޔުކްރޭނަށް އަމާޒުކޮށް އެންމެ ގިނަ ވައިގެ ވައިގެ ހަމަލާތައް އަމާޒު ކުރި ދުވަހެވެ.

ޔުކްރޭނުގެ ހާރިޖީ ވަޒީރު ދިމީޓްރޯ ކުލެބާ ވެސް ވަނީ ރަޝިއާއިން ގަސްތުގައި އާންމުންނަށް ހަމަލާތައް ދޭކަމަށް ވިދާޅުވެފައެވެ. އަދި އދ ގެ ސަލާމަތީ ކައުންސިލުން ރަޝިއާ ބޭރުކުރުމަށްވެސް ކުލެބާ ވަނީ ގޮވާލާފައެވެ.

" ހަނގުރާމައިގެ ޖަރީމާ ހިންގާ ޕޫޓިން އާ އަހަރު ފާހަގަކުރަނީ މީހުން މަރައިގެން." ކުލެބާ ވިދާޅުވިއެވެ.