އިރުމަތީ އޭޝިއާ ދެވަނަ ޔުކްރޭނަށް ވެދާނެ ކަމަށް ވިދާޅުވެ، ޗައިނާގެ ނުރައްކަލާއި އުތުރު ކޮރެއާގެ އިންޒާރުތަކާއި ގުޅިގެން ކުރިމަތިލުމަށް ހުޅަނގުގެ ބާރުގަދަ ގައުމުތަކުގެ ކިބައިން އެދިފައިވާނެ ކަމަށް ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަމުގައި އާ އަހަރެއް ކިޝިދާ ފައްޓަވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި އިގުތޞާދުތައް ކަމަށް ބުނާ ޖީ-7 ގެ ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރެއްވުމަށް ކުރެއްވި ޒިޔާރަތާ އެކުގައެވެ. 7 މެމްބަރުންގެ ތެެރެއިން ޖަރުމަނަށް ކިޝިދާ ވަޑައިގެންފައިނުވާއިރު، ވަރަށް އަވަސް މުއްދަތެއްގައި ޖަރުމަނަށްވެސް ވަޑައިގަންނަވާނެ ކަމަށް ކިޝިދާ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގައި ދަތުރުފުޅު ނިންމަވާލައްވަމުން ކިޝިދާ ވިދާޅުވެފައިވަނީ އިރުމަތީ އޭޝިއާގެ ސުލްހައާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތައް ޖީ-7 ގެ ލީޑަރުންނާއި ހިއްސާކުރައްވާފައި ވާނެކަމަށެވެ.

"އިރުމަތީ އޭޝިއާ ވެދާނެ މާދަމާގެ ޔުކްރޭނަށް." އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ބައްދަލުކުރެއްވުމުގެ އެއްދުވަސް ފަހުން ކިޝިދާ ވިދާޅުވެފައިވެއެވެ. އަދި ދެ ސަރަހައްދުގައިވެސް ސަލާމަތާއި ގުޅިގެން އޮތީ ހަމަ އެއްކަހަލަ ކަންބޮޑުވުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްފަރާތުން ބާރުގެ ބޭނުން ކޮށްގެން އިރުމަތީ އަދި ދެކުނު ޗައިނާ ކަނޑުގެ ދަރަޖަ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އުތުރު ކޮރެއާގެ ނިއުކްލިއަރ އަދި މިސައިލް ހަރަކާތްތަކުގެ ސަބަބުން، ޖަޕާނުގެ ވަށައިގެންވާ ހާލަތު ދަނީ ވަރަށް ގޯސް ވަމުން." ކިޝިދާ ވިދާޅުވެފައެވެ.

ކިޝިދާ އިޝާރާތް ކުރައްވާފައިވަނީ އެ ސަރަހައްދުގެ ކަނޑުގައި ޗައިނާއިން ކުރިއަށް ގެންދާ ހަރަކާތްތައް އިތުރުވެފައިވުމަށެވެ.

އެ ކަނޑުގެ މިލްކުވެރިކަމާއި މެދު އެހެން ގައުމުތަކާއި މެދުގައި ހިޔާލު ތަފާތުވެފައިވާ ދެކުނު ޗައިނާ ކަނޑަކީ، ޗައިނާގެ ސަރަހައްދުގެ ބައެއް ކަމަށް ޗައިނާއިން ދެކޭއިރު، އެ ސަރަހައްދުގައި ޗައިނާއިން ހަދާފައިވާ ހުރި ރަށްތަކުގައި އަސްކަރީ އައުޓްޕޯސްޓުތައްވެސް އެގައުމުން ވަނީ ގާއިމުކޮށްފައެވެ.

ނަމަވެސް ތައިވާން، ވިއެޓްނާމް، މެލޭޝިއާ އަދި ބުރުނާއީ، ޖަޕާން އަދި ފިލިޕީންސް އިންވެސް އިރުމަތީ އަދި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުތަކުގެ މިލްކުވެރިކަމަށް ދައުވާ ކުރެއެވެ،

ޗައިނާއިން މިދިޔަ އޮގަސްޓު މަހުވެސް ވަނީ، ޓައިވާނު ކައިރީގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރެއިން، ޖަޕާނުގެ އިޤުތިޞާދީ ކަނޑުގެ ސަރަހައްދަށް މިސައިލުތަކެއް ފޮނުވާލާފައެވެ.

ކިޝިދާ އެމެރިކާއަށް ވަޑައިގެންފައި މިވަނީ، ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި ޖަޕާނުގެ އަސްކަރިއްޔާގެ ބަޖެޓް ދެ ގުނައަށް އިތުރުކުރައްވާނެކަން އިއުލާންކުރައްވުމަށް ފަހުގައެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ޓެކްސް ލާރިން އަސްކަރިއްޔާ ފުޅާކުރަން ޖެހޭ ސަބަބު ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދެއްވާ ކަމަށެވެ.

ކިޝިދާ ވަނީ ޗައިނާ އާއި ކުރިމަތިލުމަށް އެމެރިކާ އާއި، އީޔޫ އާއި ޖަޕާނު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޝިދާގެ މި ޒިޔާރަތުގައި ރަޝިއާ ޔުކްރޭނު ހަނގުރާމައާއި ގުޅިގެން ދެއްކި ވާހަކަތަކުގެ ސަބަބުން، ރަޝިއާއިންވެސް ވަނީ ރައްދު ދީފައެވެ. އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ކިޝިދާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، ރަޝިއާއިން ޔުކްރޭނުގައި އެއްވެސް ގޮތަކަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްގެން ނުވާނެ ކަމަށާއި، އެއީ މުޅި އިންސާނިއްޔަތާއި ދެކޮޅަށް ހިންގޭ ޖަރީމާއަކަށް ވާނެ ކަމަށެވެ

ރަޝިއާގެ ކުރީގެ ރައީސް ދިމީޓްރީ މެޑްވެޑެވް ވަނީ ކިޝިދާ އެމެރިކާއަށް އަޅުވެތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބަޔާނުން ރަޝިއާ ދެކެ ޖެހިލުންވެ ހާސްވެފައިވާ ކަން ހާމަވެފައި ވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި "ޖަޕާނުގެ ހިރޮޝިމާ އާއި ނަގަސަކީ ގެ ނިއުކްލިއަރ އަލިފާނުގައި އަނދައިގެންދިޔަ އެތައް ހާސް ޖަޕާނު ރައްޔިތުންގެ ހަނދާންތަކަށް ޣައްދާރުވެފައިވާ" ކަން، ވެސް އެ ބަޔާނުން ހާމަކޮށްދީފި ކަމަށް މެޑްވެޑެވް ވިދާޅުވެފައިވެއެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކާއި ގާތްވެފައި ވަނިކޮށް، ޖަޕާނަށް އަމާން ދިނުމަށް މަޖުބޫރުކުރުމަށްޓަކައި އެމެރިކާއިން ވަނީ ހިރޮޝިމާ އަދި ނަގަސާކީ އަށް ނިއުކްލިއަރ ބޮން އަޅާފައެވެ.

މެޑްވެޑެވް ވިދާޅުވީ އެކަމަށް މާފަށް އެދެން އެމެރިކާގެ ފަރާތުން އެދުމުގެ ބަދަލުގައި، ކިޝިދާ ވެފައިވަނީ އެމެރިކާއަށް ހިދުމަތްކުރާ އާދައިގެ ހިދުމަތްތެރިއަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަހުރަބު

    ތި ޖަޕާނަކީ ހުޅަނގުގެ ޕަޕެޓެއް އަވައްޓެރިންނަށް ޤައްދާރު ޤަޥްމެއް

    18
    2
  2. ހުސޭނުބޭ

    ދެރަނުވޭ. ކަލޭމެންވެސް އެމެރިކާ ބުނާހާ އެއްޗެއް ޤަބޫލުކުރޭ. އޭރުން ޔުކްރޭނަށް ދިން ބޮނޑި އެމެރިކާނުން ކަލޭމެންނަށްވެސް ދޭނެ.

    18
    1
  3. އަިޮލ

    ހުޅަނގުން ޗައިނާ އާއި ޓައިވާން ޖައްސުވާ ބޮޑު ހަނގުރާމަ އެއް ކުރަން އުޅެނީ.. ހަމަ ރަޝިޔާ އާއި ޔޫކްރައިން ހެދިހެން...

    9
    1
  4. ކާލާ މަންނަ.

    ޖަޕާނަށް އެންމެ ހެއުއެދޭ ގައުމަކީ އެމެރިކާ. އެމެރިކާ ޖަޕާނަށް ދިންވަރުގެ ތަފާލެއް އެއްވެސްބަޔަކު އަދި އެހެންބަޔަކަށް ނުދޭ. އެހެންވީމަ އެމެރިކާ ފަހަތުން ދުވޭ.

    11
    1
  5. Anonymous

    ޗައިނާއާ ދެކޮޅަށް އެމެރިކާގެ ޕްރޮކްސީ ހަނގުރާމައެއް ކުރަން ކަލޭމެން ކުރަން ތިއުޅެނީ. އެމެރިކާއަށް ހަތިޔާރު ވިއްކޭނެ. ޖަޕާނުގައި އެންމެ ފައިސާ ގިނައީ. އެހުރިހާ ފައިސާއެއް އެމެރިކާއަށް ވަންނާނެ ގޮތުންނާއި އެމެރިކާގެ މީހުން ހަނގުރާމަ ނުކޮށް އެމީހުން ބޭނުންވާ މަގުސަދު ކަމުގައިވާ، ދުނިޔޭގެ އެންމެ މުއްސަނދި އެންމެ ބާރު ގަދަ ގައުމުގެ ގޮތުގައި އޮތުމުގެ ބޭނުމުގައި ޖަޕާން ބޭނުންކުރަން ތައްޔާރުވަނީ.
    އެމެރިކާއަށް އޮތް ބިރަކީ ރަޝިޔާއާއި ޗައިނާ. ރަޝިޔާ ބަލިކުރަން ޔުކްރޭން ބޭނުންކުރަނީ. ޗައިނާ ބަލިކުރަން ބޭނުންކުރާނީ ޖަޕާން.

    • ރައް

      100 ގެ ވާހަކައެއް،،، ފިތުނަ އުފެއްދުމަށް އެމެރިކާ ވަރެއް ނެތް!!