18 އަހަރުގެ ތެރޭގައި 24 ފަހަރު، އެކި މީހުން ރޭޕް ކޮށްފައިވާނެ ކަމަށް އިނގިރޭސިވިލާތުގެ ފުލުހަކު އެއްބަސްވެއްޖެއެވެ.

ލަންޑަން މެޓްރޮޕޮލިޓަން ފުލުހުންގެ އިދާރާގައި ހަތިޔާރު އެޅި ފުލުހެއްގެ މަގާމު ކުރިން އަދާކޮށްފައިވާ ޑޭވިޑް ކެރިކް ވަނީ، 4 ރޭޕްގެ ދައުވާ އަަށާއި، ގާނޫނާއި ހިލާފަށް މީހުން ހައްޔަރުކުރުމުގެ ދައުވާ އަށާއި، އަނިޔާކުރުމުގެ ދައުވާއަށް އިއްޔެ ކޯޓުގައި އެއްބަސްވެފައެވެ.

އޭނާ ވަނީ މިދިޔަ ޑިސެމްބަރު މަހު އޮތް ޝަރީއަތުގެ އަޑުއެހުމެއްގައި، ރޭޕްގެ 20 ދައުވާއެއް ހިމެނޭހެން އިތުރު 43 ކުށަކަށް އިއުތިރާފުވެފައެވެ.

އޭގެ ތެރެއިން 12 އަންހެނުން ރޭޕްކޮށްފައިވަނީ 2003 އިން 2022 އާއި ދެމެދު، ކެރިކް ފުލުހުންގެ ރެސްޕޮންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި އިރުއެވެ. އަދި އެހެން މީހުން ރޭޕްކޮށްފައިވަނީ އޭގެ ފަހުން އޭނާ އިނގިރޭސި ވިލާތުގެ މަޖިލީސް ކުރާ ގެއާއި، ބޮޑުވަޒީރުގެ ގެކޮޅާއި، ބޭރުގެ އެމްބަސީތަކުގެ ގާޑުކަން ކުރުމަށް ޕާލިމެންޓްރީ އަދި ޑިޕްލޮމެޓިކް ކޮމާންޑުގައި މަސައްކަތް ކުރިއިރުއެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު 21 ވަނަ ދުވަހު ކެރިކް ހައްޔަރު ކުރުމުން އޭނާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

ކެރިކް ހައްޔަރުކުރުމުގެ ކުރިންވެސް، 9 ފަހަރެއްގެ މަތިން، 48 އަހަރުގެ ކެރިކް ފުލުހުންގެ އެކި ޑިޕާޓްމެންޓުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް، ލަންޑަންގެ ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އެ ނުވަ ފަހަރުގެ ތެރޭގައި، 2020 އަދި 2021 ވަނަ އަހަރު ތެރޭގައި، ރޭޕާއި، ގެވެށި އަނިޔާއާއި، ފުރައްސާރައިގެ މައްސަލަތައް ހިމެނުނު ނަމަވެސް، ކެރިކްގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މިދިޔަ އަހަރުވެސް ފުލުހުންގެ ބައެއް އޮފިސަރުންގެ ފަރާތުން ގަނާކުރުމާއި، ނަސްލީ ތަފާތުކުރުމާއި، ބާރުގެ ބޭނުންކުރުން ފަދަ އަމަލުތައް ފާހަގަވެގެން، މެޓް ފުލުހުންގެ އިދާރާގެ މައްޗަށް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ ކޯލިޝަންގެ ޑިރެކްޓަރު އެންޑްރިއާ ސައިމަން ބުނެފައިވަނީ މެޓް ފުލުހުންގެ އިދާރާ އޮތީ ކާރިސާއެއްގެ ތެރޭގައި ކަމަށެވެ. އޭނާ ބުނެފައިވަނީ ކެރިކްގެ އަމަލުތައް އެނގިތިބެވެސް ފުލުހުން އެއްވެސް އެދެވޭ ފިޔަވަޅެއް އަޅާފައި ނުވުމުން ދޭހަވަނީ، ރައްޔިތުން ރައްކާތެރިކުރުމުގެ ޒިންމާ އާއި ހަވާލުވެފައިވާ އިދާރާއާއި، ސިސްޓަމް ފެއިލްވެފައިވާ މިންވަރު ކަމަށެވެ.

މެޓް ފުލުހުން ވަނީ ކެރިކްގެ އަމަލުތައް ކުރިން ދެނެ ނުގަނެވުނު ކަމަށްޓަކައި، އޭނާގެ ޝިކާރައަށް ވީ މީހުންގެ ކިބައިން މާފަށް އެދިފައެވެ. އެ އިދާރާއިން ބުނެފައިވަނީ އޭނާ ވަނީ މަގާމުގެ ނާޖާއިޒު ބޭނުން ހިފާފައި ކަމަށެވެ.

ކެރިކްގެ މައްޗަށް ހުކުމް ކުރެވޭނީ ފެބުރުއަރީ 6 ވަނަ ދުވަހު އޮންނަ ޝަރީއަތުގެ އަޑުއެހުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިސް

    ރާއްޖެވެސް އޮތީ ތިކަހަލަ ގޮތެއްވުމުގެ މަގުމަތީގައި..

  2. ރޯޔަލް ނޭވީ

    މިޤައުމުގައި ނަމަ މަތިމަތިން ޕްރޮމޯޝަން ލިބޭނީ..