ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 10،000 އަށް އަރާފާނެ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފި އެވެ.

މި ބިންހެލުން އައިސްފައި ވަނީ އިރުމަތީގައި އޮންނަ ގަޒިއަންޓެޕް ޕްރޮވިންސަށް 7.8 މެގްނެޓިއުޑްގެ ބާރުމިނު ގައެެވެ.

މިބިންހެލުން އައިސްފައި ވަނީ ބިމުއަޑިން 24.1 ކިލޯމީޓަރު އަޑިއަށް ކަމަށް ޔޫއެސްޖީއެސްއިން ބުނެއެވެ.

ބިންހެލުން އައީ ތުރުކީވިލާތުގެ ގަޑިން ފަތިހު 04:17 ގައެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން މިއަދު ހެނދުނު 06:17 އެވެ.

ބާރުގަދަ ބިންހެލުން އައިތާ 11 މިނެޓްފަހުން ތުރުކީވިލާތުގެ މެދުތެރޭގެ ސަރަހައްދުތަކަށް ވަނީ 6.7 މެގްނެޓިއުޑްގެ ބާރުމިނުގައި އިތުރު ބިންހެލުމެއް އައިސްފައެވެ.

މި ބިންހެލުމުގައި ސީރިޔާ އާއި ތުރުކީ ހިމެނޭހެން ދެ ގައުމުން މަރުވި މީހުންގެ އަދަދު 500 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޔޫއެސްޖީއެސްއިން އަންދާޒާކޮށްފައިވާ ގޮތުގައި މި ބިންހެލުމުގައި މަރުވާ މީހުންގެ އަދަދު 1،000 އާއި 10،000 އާ ދެމެދުގެ އަދަދަކަށް ދިއުމުގެ ފުރުސަތު %47 އަށް އެބަ އޮތެވެ. އަދި 100 އާއި 10000 އާ ދެމެދުގެ އަދަދަކަށް ދިއުމުގެ ފުރުސަތު %27 އަށް އޮތްއިރު، އަދި 10،000 އާއި 100،000 އާ ދެމެދުގެ އަދަދަކަށް ދިއުމުގެ ފުރުސަތު 20 ޕަސެންޓް އެބައޮތް ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.

ޔޫއެސްޖީއެސްގެ މިފަދަ އަންދާޒާތައް އައިސްފައި ވަނީ އެ ސަރަހައްދަށް އައި ތާރީހީ ބިންހެލުމާއި، އެންމެ ބާރުގަދަ ބިންހެލުންތަކާއި ކުރިމަތިލާން ޖެހުނު އާބާދީއާއި، އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގެ އިމާރާތްތަކުގެ ނާޒުކުކަމަށް ބެލުމަށްފަހު މޮޑެލިންގެ މައްޗަށެވެ.

އަދި އިގްތިސާދީ ގޮތުން އެއް ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

ތުރުކީއަށް އައި އެންމެ ނުރައްކާތެރި އެއް ބިންހެލުމަކީ ޑުޒޭ ސަރަހައްދަށް 1999 ވަނަ އަހަރު 7.4 މެގްނިޓިއުޑްގައި އައި ބިންހެލުމުވެ. އެ ބިންހެލުމުގައި 17،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރެއިން އެ ގައުމުގެ އިސްތަންބޫލްއިން މަރުވި 1،000 މީހުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެހާވެސް ނިކަމެތި ބަޔެކޭ އިންސާނުން މިއީ.
    ބިންމަތީގަ ކިބުރުވެރިވެ ﷲއަށް ޝަރީކުކޮށް ފާފަތައް ކުރުމުގަ ހައްދުފަހަނާއަޅާ ގޮއްސަ މިތިބެނީ.

    15
    1