ހޯމަދުވަހުގެ ބިންހެލުމުގައި ހުޅަނގު އުތުރު ސީރިއާގައި ބިމާއި ހަމަވެފައިވާ އިމާރާތެއްގެ ދަށުގައި އުފަންވި ތުއްތު ކުއްޖާ އެޑޮޕްޓް ކުރަން އެތައް ހާސް ބަޔަކު ހުށައަޅައިފިއެވެ.

އިމާރާތުގެ ދަށުން ފެނުނު އިރު ފޫޅު ދަނޑިން މަންމައާއި ގުޅިފައި އޮތް އެ ތުއްތު ކުއްޖާއަށް މިހާރު ވަނީ ނަން ކިޔާފައެވެ. އެކުއްޖާއަށް ދީފައިވާ ނަމަކީ އާޔާ އެވެ. މާނައަކީ މުއުޖިޒާތެވެ، ނުވަތަ ކުޅަދުންވަންތަކަމުގެ ހެއްކެވެ.

ބިންހެލުމުގައި އާޔާގެ މަންމައާއި، ބައްޕައާއި، އެއްބަނޑު އެއްބަފާ ހަތަރު ބެއިންވެސް ވަނީ ދުނިޔެ ދޫކޮށްފައެވެ.

އާޔާ މިވަގުތު އޮތީ ހޮސްޕިޓަލުގައެވެ.

" ހޯމަދުވަހު އާޔާ ގެނެވުނު އިރު ހާލު ވަރަށް ގޯސް، ކުއްޖާގެ ގައިގައި ދުޅަވެފައި ހުރި ތަންތަނާއި، ލޭ އަރާފައ ހުރި ތަންތަން ހުރި، ކުއްޖާ އޮތީ ވަރަށް ބޮޑަށް ފިނިވެފައި. އާޔާ ގެނައި އިރު ކިރިޔާ ނޭވާ ލަނީ." ހޮސްޕިޓަލުގައި އާޔާ ބަލަމުންދާ ކުޑަކުދިންގެ ޑޮކްޓަރު ހާނީ މައުރޫފު ބުނެފައިވެއެވެ.

ނަމަވެސް މިހާރު އާޔާ ގެ ހާލު ރަނގަޅެވެ.

އާޔާ ސަލާމަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ ވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

މިހާރު އާޔާ އެޑޮޕްޓް ކުރަން ބޭނުންވެގެން އެތައް ހާސް ބަޔަކު ދަނީ މީސްމީޑިއާގައި އެކަމާއި ބެހޭ ގޮތުން ސުވާލު ކުރަމުންނެވެ.

"އަހަރެން ބޭނުން އެ ކުއްޖާ އެޑޮޕްޓް ކޮށްގެން އޭނާއަށް ރަނގަޅު ދިރިއުޅުމެއް ދޭން." އެކަކު ބުނެފައި ވެއެވެ.

"ގާނޫނީ މަރުހަލާތައް ހުއްދަ ކުރާނަމަ، އަހަރެން މިހުރީ އެކުއްޖާ އެޑޮޕްޓް ކޮށް އޭނާ ބަލަން ތައްޔާރަށް." ކުވައިތުގެ ޓީވީ ޕްރެޒެންޓަރަކު ބުނެފައިވެއެވެ.

ހޮސްޕިޓަލުގެ މެނޭޖަރު، ޚާލިދު އައްތިޔާ ބުނެފައިވަނީ އާޔާ އެޑޮޕްޓް ކުރަން ބޭނުންވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާއަށް އެތައް ކޯލެއް ލިބިފައިވާ ކަމަށެވެ.

"މިވަގުތު އެއްވެސް މީހަކު އާޔާ އެޑޮޕްޓް ކުރާކަށް އަހަރެން ހުއްދަ އެއް ނުދޭނަން. އޭނާގެ ދުރުތާ ތިމާގެ މީހުން އަންނަންދެން އަހަރެން އާޔާ މި ބަލަނީ އަމިއްލަ ދަރިއެއް ހެން." އާޔާ އަށް ވުރެ 4 މަސް ދޮށީ އަންހެން ދަރިއަކު ހުންނަ ޑރ. ޚާލިދު ބުންޏެވެ. މިވަގުތަށް އޭނާ ގެ ދަރިފުޅާއެކު، އޭނާގެ އަންހެނުން ދަނީ އާޔާއަށްވެސް ގާތުން ދެމުންނެވެ.

މިހާރު އާޔާގެ ބައްޕަގެ ބޮޑުބޭބެ އަކު ވަނީ އާޔާ ހޮސްޕިޓަލުން ދޫކޮށްލުމުން ގެންދާނެ ކަމަށް ބުނެފައެވެ. ސަލާހް އަލް ބަދްރާންގެ ގެ ވެސް ވަނީ ބިންހެލުމުގައި ބިމާއި ހަމަވެފައެވެ. އޭނާ މިވަގުތު އާއިލާ އާއި އެކު ދިރިއުޅެމުން ދަނީ ވަގުތީ ޓެންޓެއްގައެވެ.

އާޔާއަކީ ހޯމަދުވަހު އަި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ޔަތީމުވި އެތައް ކުޑަކުދިންގެ ތެރެއިން ކުއްޖެކެވެ. ބިންހެލުމުގައި މައިންބަފައިން މަރުވެފައިވާ، ނުވަތަ ގެއްލިފައިވާ ކުޑަކުދިންގެ ހާލު ބަލަމުން އަންނަ ކަމަށާއި، އެކުދިންގެ ތިމާގެ މީހުން ހޯދުމުގެ މަސައްކަތް ހޮސްޕިޓަލްތަކާއި ގުޅިގެން ކުރަމުންދާ ކަމަށް ޔުނިސެފް އިން ބުނެފައިވެއެވެ.