ދެކުނު ތުރުކީގެ ހަތާއީ ގެ އަންތާކްޔާ ޑިސްޓްރިކްޓުގައި ބިމާއި ހަމަވެފައިވާ އިމާރާތެއްގެ ބައިތަކުގެ ދަށުން ދޮޅު އަހަރުގެ ކުޑަ އަންހެން ކުއްޖަކު ސަލާމަތް ކޮށްފިއެވެ.

އެކުއްޖާގެ އިތުރުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކުން ވަނީ އެކުއްޖާގެ އާއިލާވެސް ސަލާމަތް ކޮށްފައެވެ.

ސެލާ އެލްބަރާޒީ ކިޔާ މި ތުއްތު ކުއްޖާ އާއި، އެ ކުއްޖާގެ މަންމައާއި، ބައްޕައާއި، ބޭބެ، އަދި ބޮޑު ބޭބެ ވަނީ އިމާރާތުގެ ބައިތަކުގެ އަޑީގައި ތާށިވެފައި ތިބޭތާ 96 ގަޑިއިރު ފަހުން، ދިރިހުއްޓާ އެތަނުން ނަގާފައެވެ. އެމީހުން ސަލާމަތް ކުރުމަށް ފަހު، ސިއްހީ ފަރުވާ ދެމުން ގެންދާ ކަމަށް ތުރުކީގެ ދައުލަތުގެ މީޑިއާ އަނަދޮލު އިން ވަނީ ރިޕޯޓް ކޮށްފައެވެ.

އޭގެ ކުޑައިރުކޮޅެއް ކުރިން ތުރުކީގެ ކަހްރަމަންމަރާސް އިން ވެސް ވަނީ، އިމާރާތްތަކުގެ ދަށުން 26 އަހަރުގެ ޒުވާނަކު ސަލާމަތް ކޮށްފައެވެ.

މިހާތަނަށް ތުރުކީ އާއި ސީރިއާއިން ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 21500 އަށް އަރާފައި ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.

މީގެ ތެރެއިން ތުރުކީން 18342 މީހުން މަރުވެފައި ވާއިރު، ސީރިއާއިން ވަނީ 3377 މީހުން މަރުވެފައެވެ.

ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައި ބިންހެލުމުގައި ސުންނާފަތިވެފައިވާ އެތައް ހާސް އިމާރާތެއްގެ ދަށުގައި، އަދިވެސް އެތައް ބަޔަކު ތާށިވެފައި ތިބޭނެ ކަމަށް ލަފާ ކުރެވެއެވެ. ކާރިސާއަށް 100 ގަޑިއިރަށް ވުރެ ގިނައިރުވެފައި ވާއިރު، މީހުން ސަލާމަތް ކުރާ މީހުން އަދިވެސް ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. އަދިވެސް ނުފެންނަ މީހުންގެ އާއިލާތަކުން ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ކައިރީގައި ކެތްތެރިކަމެއް ނެތި \ އިންތިޒާރު ކުރަމުން ދިޔަ ނަމަވެސް، ދިރިތިއްބާ މީހުން ފެނުމުގެ ފުރުސަތު އަންނަނީ މިހާރު ކުޑަވަމުންނެވެ.