ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމަށްފަހު މީހުން ސަލާމަތް ކުރުމުގައި ހަރަކާތްރިވަމުންދާ މީހުން 101 ގަޑިއިރު ފަހުން ހަ މީހުން ސަލާމަތްކޮށްފިއެވެ.

މި ހަ މީހުން ސަލާމަތް ކޮށްފައިވަނީ ދެކުނު ތުރުކީ ގެ އިސްކެންދެރުންގައި ބިމާއި ހަމަވެފައިވާ އިމާރާތެއްގެ ބައިތަކުގެ ދަށުންނެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުން, އެ ހަ މީހުން އިމާރާތުގެ ދަށުން ނެރެފައިވާއިރު، އެ މީހުން ވަނީ އިމާރާތުގެ ބައިތަކުގެ ދަށުގައި 101 ގަޑިއިރު ހޭދަ ކޮށްފައެވެ.

ސަލާމަތް ކުރެވުނު ހަ މީހުންނަކީވެސް އެއް އާއިލާއެއްގެ ބައެއް ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި މުރާތް ބޭގުލް އާއި ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓް ކޮށްފައިވެއެވެ. އެ ހަ މީހުން ސަލާމަތް ވެފައިވަނީ ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ތެރޭގައި ހެދިފައިވާ ކުޑަ ހުސްތަންކޮޅެއްގެ ތެރޭގައި އެންމެން ކައިރީގައި ބައްދާލައިގެން ތިބެގެން ކަމަށް މުރާތް ވަނީ ބުނެފައެވެ.

އެމީހުންނަށް މިހާރު ދަނީ ސިއްހީ އެހީ ފޯރު ކޮށްދެމުންނެވެ.

މިއަދު ގެ ފަތިހުގެ ވަގުތެއްގައި ވަނީ ހަތާއީ ގެ އަންތާކްޔާ ޑިސްޓްރިކްޓުގައި ބިމާއި ހަމަވެފައިވާ އިމާރާތެއްގެ ބައިތަކުގެ ދަށުން ދޮޅު އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި، އެ ކުއްޖާގެ މަންމައާއި، ބައްޕައާއި، ބޭބެ، އަދި ބޮޑު ބޭބެ، އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވެފައި ތިބޭތާ 96 ގަޑިއިރު ފަހުން ސަލާމަތް ކޮށްފައެވެ.

މިހާތަނަށް ތުރުކީ އާއި ސީރިއާއިން ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 21500 އަށް އަރާފައި ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.

މީގެ ތެރެއިން ތުރުކީން 18342 މީހުން މަރުވެފައި ވާއިރު، ސީރިއާއިން ވަނީ 3377 މީހުން މަރުވެފައެވެ.

ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައި ބިންހެލުމުގައި ސުންނާފަތިވެފައިވާ އެތައް ހާސް އިމާރާތެއްގެ ދަށުގައި، އަދިވެސް އެތައް ބަޔަކު ތާށިވެފައި ތިބޭނެ ކަމަށް ލަފާ ކުރެވެއެވެ. ކާރިސާއަށް 100 ގަޑިއިރަށް ވުރެ ގިނައިރުވެފައި ވާއިރު، މީހުން ސަލާމަތް ކުރާ މީހުން އަދިވެސް ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ނަމަވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ މީހުން ބުނެފައިވަނީ ވަރަށް ބޮޑަށް ފިނިގަދަ ވެފައި ވުމުގެ ސަބަބުންނާއި، އެހާ ގިނަ އިރު ވެފައި ވުމުގެ ސަބަބުން، ހޯމަ ދުވަހުއްސުރެ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ދިރިހުއްޓާ ފެނުމުގެ ފުރުސަތު ވަނީ ވަރަށް ކުޑަވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަމް

    މިފަދަ ހާދިސާތަކަށް ފަހު މިފަދަ ކުޅަދުންވަންތަކަމުގެ ހެކިތައް ދެއްކެވުމަކީ އަޅުގަނޑުމެން ދިރިތިބީން ޢިބުރަތެއްގެ ގޮތުގައި ބަލަންޖެހޭނެ ކަންކަން. އެހެނީ ﷲ ތަޢާލާއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަވެ ވޮޑިގެންވާ އިލާހު. އެކަލާނގެ އިރާދަކުރެއްވި ގޮތަކަށް އިރާދަކުރެއްވި ވަގުތެއްގައި ސަލާމަތްކުރައްވާނެ.