އުތުރު ކޮރެއާގައި، ދަރިން ހޮލީވުޑްގެ ފިލްމުތަކާއި، ދެކުނު ކޮރެއާގެ ފިލްމުތައް ބެލިޔަދޭ މައިންބަފައިން ޖަލަށް ލާނެ ކަމުގެ އިންޒާރު ދީފިއެވެ.

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން ގެންދަވަނީ އެގައުމުގައި ބޭރުގެ ފިލްމުތަކާއި ޓީވީ ޝޯތައް ގެންގުޅުމާއި، ބެލުމާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ދަރިން ފުރަތަމަ ފަހަރަށް ވިޔަސް އެފަދަ "ކުށެއް" ކޮށްފިނަމަ، މައިންބަފައިންނަށްވެސް އަދަބު ލިބޭނެ ކަމަށް އިދާރާތަކުން ދަނީ މައިންބަފައިންނަށް އިންޒާރު ދެމުންނެވެ.

މި "ކުށް" ކުރާ މައިންބަފައިންނަށް ކުރީގައި ނަމަ، އިންޒާރަކާއި އެކު ސަލާމަށް ވުމުގެ ފުރުސަތު އޮވެއެވެ.

އުތުރު ކޮރެއާގެ މަސްދަރުތަކާއި ހަވާލާދީ، ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެގައުމުން ވަނީ، ރައްޔިތުންނަށް ސަރުކާރުގެ އަމުރު ތައް ފޯރުކޮށްދިނުމަށް އެކި ސަރަހައްދުތަކުގައި ބާއްވާ ހާއްސަ ބައްދަލުވުމެއް ކަމަށްވާ، "އިންމިންބާން" ވެސް ބާއްވަން ނިންމާފައެވެ. އެ ބައްދަލުވުމަށް އެ ސަރަހައްދުގެ ހުރިހާ އެންމެން ހާޒިރުވުމަށް މަޖުބޫރު ވާނެއެވެ.

ވަގަށް އެތެރެ ކުރެވޭ ފިލްމުތައް ގެންގުޅޭ މީހުންނަށް ދައުލަތުން ދެން މާފު ނުދޭނެކަން އެ ބައްދަލުވުމުގައި ބެލެނެވެރިންނަށް އަންގާނެ ކަމަށް މަސްދަރުތަކާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އަދި ކިމްގެ ސޯޝަލިސްޓު އުސޫލުތަކާއި އެއްގޮތްވާ ގޮތަށް، ދަރިން "ރަނގަޅަށް" ތަރުބިއްޔަތު ކުރަން ނުކުޅެދުމާއި ދެކޮޅަށްވެސް މައިންބަފައިންނަށް މި ބައްދަލުވުމުގައި އިންޒާރު ދެވޭނެއެވެ.

ހޮލީވުޑްގެ ނުވަތަ ދެކުނު ކޮރެއާގެ ފިލްމެއް ބެލިކަން ސާބިތުވާ ކުދިންގެ މައިންބަފައިން ލޭބަރ ކޭމްޕެއްގައި 6 މަސްދުވަސް ހޭދަކުރަން ޖެހޭނެއެވެ.

އަދި ފިލުމް ބެލި ކުދިންނަށް އޮންނަނީ 5 އަހަރު ދުވަހުގެ ހުކުމެކެވެ.

އުތުރު ކޮރެއާގައި އަދަބު ދެވެނީ ހަމައެކަނި ބޭރުގެ ފިލްމުތައް ބަލާ މީހުންނަށް އެކަންޏެއް ނޫނެވެ. ނެށުމާއި، ލަވަ ކިޔުމާއި، ވާހަކަ ދެއްކުމާއި ގުޅިގެންވެސް ތަފާތު އަދަބުތައް އެ ގައުމުގައި ކަނޑައަޅާފައި އޮވެއެވެ.

އެގޮތުން އޭގެން އެއްވެސް ކަމެއް "ދެކުނު ކޮރެއާގެ މީހުން ކުރާ ގޮތަށް" ކުރާ މީހުންނާއި، ކުދިންނާއި، އަދި އެކުދިންގެ މައިންބަފައިންވެސް އަދަބު ލިބެއެވެ.

އުތުރު ކޮރެއާގެ ލޭބަރ ކޭމްޕުތަކަކީ ވަރަށް ބިރުވެރި ތަންތަނެވެ. އެ ކޭމްޕުތަކުގައި ބުރަ އަދި ބައެއްފަހަރު ނުރައްކާތެރި މަސައްކަތްތައްވެސް، އެކަށީގެންވާ އާލާތްތައްވެސް ނެތި ކުރަން ޖައްސައެވެ. އެގޮތުން ހުކުމުގެ މުއްދަތު ހަމަވާންދެން މައިންތަކުގައި އާއި ދަނޑުތައް ފަދަ ތަންތަނުގައި މަސައްކަތް ކުރަން ޖައްސައެވެ. އަދި އެތަންތަނުގައި ކާއެއްޗެހިވެސް ދެނީ ގައިދީންނަށް ބަހައިގެން، ވަރަށް މަދު މިންވަރަކަށެވެ.

ބޭރުގެ ފިލްމުތައް ބަލާ މީހުންނަށް މި ކޭމްޕުތަކުގައި އަދަބު ދޭއިރު، އެތަކެތި ވަގަށް އެތެރެ ކުރާ މީހުންނަށް އޮންނަނީ މަރުގެ އަދަބެވެ.

މދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް، ދެކުނު ކޮރެއާގެ ފިލްމުތަކެއް ހިއްސާ ކުރިކަން އެނގިގެން ފުރާވަރުގެ ދެ ކުދިންގެ ގަޔަށް ބަޑިޖަހައި ވަނީ މަރާލާފައެވެ.