ހިޖުރަވެރިންނާއި ރެފިއުޖީން ދަތުރުކުރަމުން ދިޔަ ބޯޓެއް އިޓަލީގެ އައްސޭރީގައި އޮންނަ ކްރޮޓޯން ސިޓީ ކައިރިއަށް ބަންޑުން ޖަހާލައި މަދުވެގެން 59 މީހުން މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 12 ކުޑަކުދިންވެސް ހިމެނެއެވެ. ބޯޓު ބަންޑުން ޖަހާލުމަށްފަހު މަރުވެފައިވާ ހަށިތައް ވަނީ އެ ސަރަހައްދުގެ ގޮނޑުދޮށަށް ލައްގާފައެވެ.

އަފްޣާނިސްތާނުންނާއި، އިރާނުންނާއި، އަދިވެސް އެހެނިހެން ގައުމުތަކުގެ މީހުންނާއި އެކު އެ ބޯޓު މީގެ ދުވަސް ތަކެއް ކުރިން ފުރާފައިވަނީ ތުރުކީންނެވެ. ނަމަވެސް މޫސުން ގޯސްވެ، ކަނޑު ގަދަ ވުމުގެ ސަބަބުން، ބޯޓު ބަންޑުން ޖަހާލާފައިވަނީ އިޓަލީގެ ދެކުނު އައްސޭރީގައި އޮންނަ ރިސޯޓެއް ކައިރިއަށް އިއްޔެގެ ވަގުތެއްގައެވެ.

އިޓަލީގެ ޖޫނިއަރ އިންޓީރިއަރ މިނިސްޓަރު ވާންޑާ ފެރޯ ވިދާޅުވީ މަރުވި މީހުންގެ އަދަދު ރެއާއި ހަމައަށް 59 އަށް އަރާފައިވާ ކަމަށާއި، އެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.

ހާދިސާގައި 81 މީހުން ސަލާމަތްވީއިރު، 20 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، އެކަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އެސަރަހައްދުގެ ސަރުކާރުގެ އޮފިޝަލެއް ކަމަށްވާ މެނުއެލާ ކޫރާ މައުލޫމާތު ދެއްވާފައި ވެއެވެ.

ފުލުހުން ބުނެފައިވަނީ ހިޖުރަވެރިން ޓްރެފިކް ކުރުމުގެ ތުހުމަތުގައި، ސަލާމަތްވީތަނުން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޫޓްރޯގެ މޭޔަރު އެންޓޯނިއޯ ޗެރާސޯ ވިދާޅުވެފައިވަނީ މަރުވި މީހުންގެ ތެރޭގައި ވަރަށް ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ ދިރިއުޅުމުގައި އެއްވެސް މީހަކު ދެކެން ނޭދޭނެ ފަދަ ބިރުވެރި މަންޒަރެއް ފެނިއްޖެ ކަމަށާއި، އެ މަންޒަރު ދުވަހަކުވެސް ހަނދާނުން ނުފިލާނެ ކަމަށެވެ.

ކޫރާ ވިދާޅުވީ ތުރުކީގެ އިޒްމީރުން ބޯޓު ފުރީ ހަތަރު ދުވަސް ކުރިން ކަމަށާއި، ފުރިއިރު ބޯޓުގައި 140 އާއި 150 އާއި ދެމެދުގެ އަދަދަކަށް މީހުން ތިބި ކަމަށް ސަލާމަތްވީ ވީހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަލާމަތް ވީ ގިނަ މީހުންނަކީ އަފްޣާނިސްތާނު މީހުން ކަމަށެވެ. އަދި އޭގެ ތެރޭގައި ޕާކިސްތާނުގެ މަދު ބަޔަކާއި، ސޯމާލިއާގެ ދެތިން މީހަކުވެސް ހިމެނޭ ކަމަށް ކޫރާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މަރުވި މީހުންނަކީ ކޮން ގައުމުތަކެއްގެ މީހުންކަން ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ އިޓަލީގެ ސަރުކާރުން، ގާނޫނު ހަދާ މަޖިލީސް މެދުވެރިކޮށް، ރެފިއުޖީންނާއި ހިޖުރަވެރިން ސަލާމަތް ކުރުމާއި ގުޅޭ ގޮތުން އާ ގާނޫނެއް ފާސްކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. އެ ގާނޫނުގައިވާ ގޮތުން ރެސްކިއު އުޅަނދުތަކަށް ފަހަރަކު އެހީވެވޭނީ އެއް ބަޔަކަށެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި އާ ގާނޫނުގެ ދަށުން އެ ސަރަހައްދުގައި ކަނޑުވެ، ފެތޭ މީހުންގެ އަދަދު އިތުރު ވެގެންދާނެއެވެ.

އިޓަލީގެ ކަނާތު ފިޔައިގެ ބޮޑު ވަޒީރު ޖޯޖިއާ މެލޮނީ މިދިޔަ ސެޕްޓެމްބަރު މަހު މަގާމަށް ވަޑައިގަތީ، އިޓަލީއަށް އަންނަ ހިޖުރަވެރިންނާއި ރެފިރުޖީންގެ މައްސަލައަށް ހައްލެއް ހޯދައިދޭން ވައުދުވަމުންނެވެ.

އިޓަލީ އަކީ ހިޖުރަވެރިން ކަނޑުމަގުން ޔޫރަޕަށް އެތެރެވުމުގެ މައިގަނޑު ޕޮއިންޓެކެވެ.

2022 ވަނަ އަހަރުވެސް ސެންޓްރަލް މެޑިޓެރެނިއަން ކަނޑު ހުރަސްކުރަނިކޮށް، މަދުވެގެން 2836 މީހުން ވަނީ ކަނޑުވެގެން މަރުވެފައެވެ.