ޗައިނާގެ ރައީސް ޝީ ޖިންޕިންގް ޗައިނާގެ ރައީސް ކަމުގެ ފަސް އަހަރުގެ ތިން ވަނަ ދައުރަކަށް ހޮވިއްޖެއެވެ.

ގާތްގަނޑަކަށް 3000 މެމްބަރުން ހިމެނޭ ޗައިނާގެ މަޖިލީސް، ނެޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ގެ ހުރިހާ މެމްބަރުންހެން ވަނީ ޝީ މަގާމަށް ހޮވުމަށް ވޯޓް ލާފައެވެ. ޝީ ތިން ވަނަ ދައުރަކަށް ހޮވާފައި މިވަނީ ރައީސްކަމުގައި އެންމެ ގިނަވެގެން ހުރެވޭނީ ދެ ދައުރު ކަމަށް އޮތް ގާނޫނު ބަދަލު ކުރުމަށް ފަހުގައެވެ.

ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން އައްޔަން ކުރާ މެމްބަރުން ހިމެނޭ އެންޕީސީގެ 2952 މެމްބަރުން ޝީ އަށް ވޯޓް ލާފައިވާއިރު، ޝީ އާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ލާފައެއް ނުވެއެވެ.

އެއްވެސް ކެންޑިޑޭޓް ލިސްޓެއް ބަހާފައި ނުވާއިރު، ގަބޫލު ކުރެވޭ ގޮތުގައި ޝީ އާއި، އެހެން މަގާމުތައްވެސް ހޯއްދެވި ބޭފުޅުން އެ މަގާމުތަކަށް ކުރިމަތި ލައްވާފައިވަނީ އެކަންޏެވެ.

ޗައިނާގެ ދެ މިލިއަން މެމްބަރުންގެ އަސްކަރިއްޔާ، ޕީޕަލްސް ލިބަރޭޝަން އާމީގެ ކޮމާންޑަރަކަށްވެސް ޝީ ވަނީ ހޮވާފައެވެ.

އޮސްޓްރޭލިއާގެ ގައުމީ ޔުނިވާސިޓީގައި މަސައްކަތް ކުރާ ޗައިނާގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރަކު ބުނެފައިވަނީ، "ޗައިނާގެ ސިޔާސީ ދާއިރާ މިހާރު ވަދެފައި އޮތީ މޮޅުވާ މީހަކަށް ހުރިހާ އެއްޗެއް ލިބޭ ޒަމާނަކަށް ކަމަށާއި، ޝީ ޖިންޕިންގް އަކީ އެންމެ މޮޅު މީހާ" ކަމަށެވެ.

2012 ވަނަ އަހަރު މަގާމާއި ހަވާލުވުމަށްފަހު، 69 އަހަރުގެ ޝީ ވަނީ ކުރިމަތިވެދާނެ ހުރިހާ ގޮންޖެހުންތަކެއް އެއްފަރާތް ކުރައްވާ، ޝީ އަށް ވަފާތެރި ފަރާތްތަކުން ޕާޓީ ފުރާލެއްވުމާއި އެކު، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެއްދެވި، މާއޯ ޒެޑޯންގް އަށްފަހު ޗައިނާގެ އެންމެ ނުފޫޒު ގަދަ ލީޑަރަށް ވެފައެވެ.

މަޖިލީހުން ޝީ ރައީސް ކަމަށް ހޮވާނެކަން ކުރީންވެސް އޮތީ ގާތްގަނޑަކަށް ޔަގީންވެފައެވެ. ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ޝީ ގެ ކެބިނެޓްގެ އިސް އޮފިޝަލުން އައްޔަން ކުރުން އޮންނާނެއެވެ.

މަޖިލީހުގެ އަހަރީ ސެޝަން ނިންމާލުމަށްފަހު، އަންނަ ހޯމަދުވަހު ޝީ ތަގުރީރު ކުރައްވާނެއެވެ.

ޗައިނާގައި އޮންނަ ވެރިކަމުގެ އުސޫލުތަކުގެ ދަށުން ރައީސްގެ މަގާމަކީ ވަރަށް ބޮޑަށް ރަމްޒީ މަގާމެކެވެ. ނަމަވެސް ޝީ އަށް ބާރުތައް ލިބެނީ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކެޓްރީގެ މަގާމުންނާއި، ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއާމަންގެ މަގާމުންނެވެ.