ޗައިނާގެ ރައީސް ޝީ ޖިންޕިންގް ރަޝިއާގެ ރައީސް ލަޑަމިއަ ޕުޓިން އާ ބައްދަލު ކުރެއްވުމަށް ރަޝިއާ އަށް ދަތުރު ކުރެއްވުމާ ގުޅިގެން އެމެރިކާ އިން ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ޝީ ރަޝިޔާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ، ޝީގެ އެ ދަތުރުފުޅަކީ ސިޔާސީ ގޮތުންނާއި މާލީ ގޮތުން އަދި ކަމެއް ކުރަން ބޭނުން ވުމުން އެއްވެސް ވިސްނުމެއް ފިކުރެއް ނެތި ކުރެއްވި ކަމެއް ކަމަށެވެ. މި ދަތުރުފުޅު އެމެރިކާއިން ސިފަކުރައްވަނީ ގަޔާވާ މީހާ އާ އިނުން ނުވަތަ ކައިވެނި ކުރުން ފަދަ ގޮތަކަށެވެ.

ބްލިންކަން ވިދާޅުވީ، ދުނިޔޭގެ ގާނޫނުތަކާއި ހަމަތަކާއި އުސޫލުތައް ބަލައިގެން ނުވަތަ ކަން ހިނގާ މަގު ބަލައިގެން ޝީ އާއި ޕުޓިން ކަން ކުރައްވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެ ދެ ލީޑަރުން ދުނިޔެ ބައްލަވަނީ އެހެން ލީޑަރުން (އެމެރިކާ އާއި ހުޅަނގުން) ބައްލަވާ ގޮތަށް ނޫން ކަމަށެވެ.

މީގެއިތުރުން ޕާޓްނާޝިޕް ނުވަތަ ދޭދޭ ގުޅުމުގައި ރަޝިއާ އަކީ ވަރަށް ތަޖުރިބާ މަދު ގައުމެއް ކަމުން ރަޝިއާގެ ހަނގުރާމައަށް ބޭނުންވާ ހަތިޔާރު ޗައިނާއިން ހޯދުމަށް ކަންކުރަންވީ ގޮތް ރަޝިޔާއަށް ނޭނގުނު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިއްޔެއާ ހަމައަށް ވެސް ޗައިނާއިން ހިފަހައްޓާ އުސޫލު ދަމަހައްޓާ ހަތިޔާރު ފޯރުކޮށް ދިނުމަށް ޗައިނާއިން ދެކޮޅު ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާޗް 20 ވަނަ ދުވަހު ރަޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު އިއްޔެ ޝީ ވަނީ ފުރާ ވަޑައިގަންނަވާފައެވެ. ރިޕޯޓްތައް ބުނާގޮތުން ޝީ ފުރައިވަޑައިގަތީ ދެ ރަހުމަތްތެރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ނުހަނު ލޯބިން ދޭ މެސެޖެއް ދެއްވަވައިފައެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން މީގެ 100 އަހަރު ކުރިން ނުފެންނަ އަދި ނާންނަ ބަދަލުތަކެއް މިހާރު އަތުވެއްޖެ ކަމަށް ޝީ ވަނީ ޕުޓިން އަރިހުގައި ދަންނަވާފައެވެ. އަދި ކުރިއަށް ވަޑައިގަންނަވާނީ އެ ދެބޭފުޅުން ގުޅިގެން އެކުގައި ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ވަކިވެވަޑައިގަންނަވަމުން ޝީ ވަނީ، "ރަހްމަތްތެރިޔާ، ވަރަށް ބަލައިގެން ރައްކާތެރިވެ" އުޅުމަށް އެދިފައެވެ. ޖަވާބުގައި ޕުޓިން ވިދާޅުވީ، ބާއްޖަވެރި ދަތުރަކަށް އެދޭ ކަމަށެވެ.