ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލު ކުރަން ދުނިޔޭގެ ލީޑަރުން ތިބީ ސަފަކަށް އެތުރިގެން ކަމަށާއި އެކަމާއި އެމެރިކާ އިން ކަންބޮޑުވާން ނުޖެތޯ ސީއެންއެން އިން ސުވާލު އުފައްދައިފިއެވެ.

ފަހަކަށް އައިސް ދުނިޔޭގެ ވަރަށް ގިނަ ލީޑަރުން އަންނަނީ ޝީ އާއި ބައްދަލު ކުރަމުންނެވެ. ފާއިތުވި މަހެއްހައި ދުވަސް ތެރޭގައި ޝީ ވަނީ ރަޝިއާ، ސްޕޭން، މެލޭޝިއާ، ސިންގަޕޫރު، ފްރާންސް އަދި ޔޫރަޕިއަން ޔޫނިއަންގެ ވެރިންނާއި ވެސް ބައްދަލު ކުރައްވާފައެވެ.

އަދި އިއްޔެ ބްރެޒިލްގެ ރައީސް ލުއިސް އިނާސިއޯ ޑަ ސިލްވާ ވަނީ ޝީ އާއި ބައްދަލު ކުރުމަށް ޗައިނާ އަށް ވަޑައިގެންފައެވެ. ސިލްވާގެ މިދަތުރުފުޅުގައި ޗައިނާ ސަރުކާރާއިއެކު މުހިއްމު މަޝްވަރާތަކެއްކޮށް، ގިނަ އެއްބަސްވުންތަކެއް ގާއިމު ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސީއެންއެން އާއި ވާހަކަދެއްކި ތަޖުރިބާކާރަކު ވިދާޅުވި ކޮވިޑް-19 އާއި ގުޅިގެން ޗައިނާ ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލި ފަހުން ޗައިނާ އިން ހާރިޖީ ގުޅުންތަކުގައި ހޯދަމުން އަންނަނީ އާދަޔާއި ހިލާފު ކާމިޔާބެއް ކަމަށެވެ. މިހާރު ފެންނަ މަންޒަރުތައް ތަކުރާރުވާނަމަ ދާދި އަވަހަށް ޗައިނާ އިން ހާރިޖީ ދާއިރާގައި ވެސް ދުނިޔޭގެ ކޮންޓްރޯލް ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލީޑަރުންނާއި ޝީ ބައްދަލު ކުރެއްވުން އިތުރު ކުރަމުން އަންނައިރު ސައުދީ އަރަބިއްޔާ އާއި އީރާނާއި ދެމެދު އޮތް މައްސަލަ ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން މިހާރު ވަނީ ހައްލު ކޮށްފައެވެ. ސައުދީ އާއި އީރާނުން އަލުން ހާރިޖީ ގުޅުން ގާއިމުކޮށް، އާއްމު ހާލަތަކަށް ދެގައުމުގެ ގުޅުން ގެނައުމަކީ ޗައިނާ އިން ހާރިޖީ ދާއިރާގައި ހޯދި ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ. އަދި އެދެގައުމު ގުޅުން އެއީ އެމެރިކާ އިން މެދުއިރުމަތި ހާއްސަކޮށް ސައުދީ އަރަބިއްޔާ ކޮންޓްރޯލް ކޮށްގެން ޒަމާންތަކެއް ވަންދެން ކުރަމުން އައި ކަންކަމަށް އައި ނިމުމެއް ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޔޫކްރޭން މައްސަލަ އަކީ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއްމައްސަލަ އަށް ވާއިރު އެމައްސަލަ ހައްލު ކުރުމަށް ޗައިނާ އިން ޑިޕްލޮމެޓިކްކޮށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ވެއްޖެނަމަ އެކަން ވެގެން ދާނީ އަނެއްކާވެސް ޗައިނާ އިން ހޯދާ ވަރަށް ބޮޑު ކާމިޔާބަކަށެވެ.

ރަޝިއާ އާއި ޔޫކްރޭން ސުލްހަ ކުރަން ޗައިނާ އިން ހުށަހެޅި ޕްލޭނަށް އަދި މިހާތަނަށް މާބޮޑު ކުރިއެރުމެއް ނުލިބުނު ނަމަވެސް އެއީ ކުރިއަށް އޮތްތަނުގައި މަޝްވަރާ ކުރެވި، ސުލްހައަށް މަގުފަހި ކުރެވިދާނެ ޕްލޭނެއް ކަމަށް ވަރަށް ގިނަ ތަޖުރިބާކާރުން އެއްބަސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާއްޓޭ.

    ހާރިޖީ ދާއިރާއިން އެންމެބޮޑު ކުރިއެރުމެއް ހޯދީ އަދި އެންމެ މަގުބޫލު ހާރިޖީ ވަޒީރަކީ ކާޕެޓު ވަޒީރު.

    15
    2