ރަޝިއާ އާއި ޔޫކްރޭނާއި ދެމެދު ކުރިއަށްދާ ހަނގުރާމައިގައި ހަމަލާތައް ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލަން މަޝްވަރާ ކުރަން ތައްޔާރު ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން މިހެން ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިން މިހާރު ރަޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕޫޓިން އާއި ބައްދަލު ކުރެއްވުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޕޫޓިން ވިދާޅުވީ ހަމަލާތައް ބަދަލު ކުރުން ވަގުތީގޮތުން ހުއްޓާލުމަށް ކުރެވޭނެ ކަންކަންކަމާއި ގުޅޭ ގޮތުން ރައީސް ޝީ އާއިވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ޕޫޓިން އާއިއެކު ބޭއްވި ބައްދަލުވުމުގައި ޝީ ވިދާޅުވީ ޗައިނާ އާއި ރަޝިއާގެ އަމާޒުތައް ވަރަށް އެއްގޮތް ކަމަށާއި، ދެގައުމުން ހާސިލްކުރަން ބޭނުން ވަނީ ވެސް ގާތްގަނޑަކަށް އެއްކަންތައްތަކެއް ކަމަށެވެ. އެހެންކަމުން އެކުގައި މަސައްކަތްކޮށް، އެއް އަމާޒަކަށް ވާސިލް ވެވޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެމެރިކާ އިން ވަނީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމުގެ މަޝްވަރާތަކާއި ދެކޮޅުކަން ހާމަކޮށްފައެވެ. އެމެރިކާ އިން ބުނާ ގޮތުގައި ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަކީ ރަޝިއާ އިން ހިފާފައިވާ ޔޫކްރޭންގެ ބިންތަކުގައި ރަޝިއާ ސިފައިން ދާއިމީކޮށް ތިބުމަށް މަގުފަހި ކުރުމުގެ ގޮތުން ނުބައި ނިޔަތެއް އޮވެގެން ރަޝިއާ އިން ކުރަން އުޅޭ ކަމެއް ކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއް ގާއިމު ކުރުމަށް ޗައިނާ އިން މެދުވެރިއެއްގެ ދައުރު އަދާކުރުމަކީ ވެސް ނުރައްކަލެއް ކަމަށް އެމެރިކާ އިން ބުނެއެވެ.

ޝީ މިހާރު ރަޝިއާ އަށް ކުރައްވާ ދަތުރުފުޅަކީ މިދިޔަ އަހަރު ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށިފަހުން ޝީ ރަޝިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅުގެ ކުރިން ޗައިނާ އިން ވަނީ ރަޝިއާ އާއި ޔޫކްރޭން ސުލްހަ ކުރުމަށް 12 ނުކުތާއެއް ހިމެނޭ ކަރުދާހެއް ހާމަކޮށްފައެވެ. އެހެންކަމުން ޝީގެ ދަތުރުފުޅުގެ ސަބަބުން ސުލްހައަށް މަގުފަހިވެގެން ހިނގައިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒެލެންސްކީ

    ދެން ކުރާނެކަމެއްނެތް.. ކޮންމެވެސް އެއްބައެއް ފުޑެންދެން ދެންތިބޭނީދޯ؟