އިނދަޖެހިފައި އޮތް ސްރީލަންކާގެ އިގުތިސޯދު އަލުން ނަގައި ކޮޅަށް ޖެހުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ތިން ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ދިނުމަށް އެއްބަސް ވެއްޖެއެވެ.

ގިނަ ދުވަސްތަކެއްގެ މަޝްވަރާތަކަށް ފަހު އައިއެމްއެފް އިން ސްރީލަންކާއަށް އެހީ ދިނުމަށް އެއްބަސްވި ނަމަވެސް އަދިވެސް ސްރީލަންކާގެ ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ގިނަ ކަންތައްތަކެއް ތަންފީޒު ކުރަން ޖެހޭނެއެވެ. އައިއެެމްއެފް އިން ފައިސާ ލިބޭނީ އައިއެމްއެފް އިން ކަނޑައަޅާ ޝަރުތުތައް ސްރީލަންކާ ސަރުކާރުން ތަންފީޒު ކުރާނަމައެވެ.

އައިއެމްއެފް އާއި ސްރީލަންކާ ސަރުކާރުން އެއްބަސްވެފައި ވަނީ އައިއެމްއެފް އިން ސްރީލަންކާއަށް ދޭ ފައިސާ ހަތަރު އަހަރު ދުވަހުގެ މުއްދަތައް ބަހާލައިގެން ދޭށެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރ އަލީ ސޮބްރީ ވިދާޅުވީ ސަރުކާރުގެ އާމްދަނީ އިތުރު ކުރަން ގިނަ ކަންތައްތަކެއް މިހާރު ވެސް ރާވަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ރީސްޓަކްޗަރކޮށް އަދި ގައުމީ އެއާލައިން ޕްރައިވަޓައިޒް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

އަސާސީ ގިނަ ތަކެތި ލިބުމުގައި ވެސް ދަތިތައް ކުރިމަތިވެފައިވާ ސްރީލަންކާ އިން ވަނީ ދާދިފަހުން ޓެކްސްތައް ވެސް ބޮޑު ކޮށްފައެވެ. ޕްރޮފެޝަނަލް ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ އިންކަމް ޓެކްސްގެ ގޮތުގައި ނަގަމުން އައި %12.5 މިހާރު ވަނީ %36 އަށް ބޮޑު ކޮށްފައެވެ. އަދި އިތުރު ޓެކްސްތައް ވެސް ވަނީ ބޮޑު ކޮށްފައެވެ.

ސްރީލަންކާ ސަރުކާރުން ބުނާ ގޮތުގައި މިއަހަރު އެގައުމުގެ އިގުތިސޯދު ހަމައަކަށް އެޅޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ އަހަރު ގައުމުގެ އިގުތިސޯދު ކުރިއަރަން ފަށާނެ ކަމަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

ސްރީލަންކާ ސަރުކާރުން ގެންދަނީ އެގައުމަށް ލޯނުތައް ދީފައިވާ ގައުމުތަކާއި އެކު ވެސް ދަރަނީގެ މައްސަލައިގައި މަޝްވަރާ ކުރަމުންނެވެ. އެގޮތުން އިންޑިއާ އާއި ޗައިނާ އާއިއެކު މިހާރު ވެސް މަޝްވަރާތައް ކުރިއަށް އެބަގެންދެއެވެ. އެމަޝްވަރާތަކުން ލުއި ގޮތްތަކެއް ހަމަޖެހިގެން ދާނެ ކަމަށް ސްރީލަންކާ ސަރުކާރުން އުއްމީދު ކުރެއެވެ.