އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލައިފިއެވެ. ނަމަވެސް އުފުލި ދައުވާތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. ދައުވާތައް އިއްވުމަށް އަންގާރަ ދުވަހު ޓްރަމްޕް ކޯޓަށް ހާޒިރު ކުރާނެއެވެ. އެދުވަހު ޓްރަމްޕް ބަންދުގައި ބެހެއްޓުމާއި މެދު ވެސް ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

މިއީ އެމެރިކާގެ ތާރީޚްގައި ވެސް ކުރީގެ ރައީސްއެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލި ފުރަތަމަ ފަހަރެވެ.

ސީއެންއެން އިން ބުނާ ގޮތުގައި ޓްރަމްޕްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް މެންހެޓަންގެ ކޯޓެއްގެ ގްރާންޑް ޖޫރީ ބެލިއިރު 30 އަށް ވުރެ ތުހުމަތު އެބައޮތެވެ. އެއީ މާލީ އޮޅުވާލުންތަކާއި، ސިއްރުތަކާއި ގުޅޭ މައްސަލަތައް ކަމަށް ވެއެވެ.

ޓްރަމްޕްގެ މައްޗަށް ތުހުމަތު ކުރެވޭ އެންމެ ބޮޑު އެއް މައްސަލައަކީ ޓްރަމްޕް ބަރަހަނާ އަންހެނަކާއިއެކު ބޭއްވި ގުޅުން ސިއްރު ކުރަން 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕޭން ތެރޭގައި 130000 ޑޮލަރު ދިން މައްސަލަ އެވެ. ފައިސާ ދިނުން އެއީ މައްސަލައެއް ކަމަށް ގާނޫނުތަކުން ފާހަގަ ނުކުރެވުނު ނަމަވެސް އެފައިސާ ދިންކަން ލިޔެކިޔުންތަކުން ފޮހެލާފައި އޮތް އޮތުމަކީ ޖިނާއީ ކުށެއް ކަމަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނެއެވެ.

ޖިނާއީ ދައުވާއަކާއި ކުރިމަތިލާން ޓްރަމްޕް އަށް ޖެހިފައި ވާއިރު އޭނާ އަންނަނީ އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށް ކެމްޕޭން ކުރަމުންނެވެ.

ޓްރަމްޕް ބުނާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް ތަހްގީގު ހިންގަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުދިނުމަށްޓަކައި "ޑިމޮކްރަޓިކް ޕާޓީގެ ޕްރޮސެކިއުޓަރުންނެވެ." އަދި އޭނާ އަކީ ކުށްވެރިއެއް ކަމަށް ދައްކަން ޑިމޮކްރަޓިކް ޕާޓީއަށް ތާއިދު ކުރާ މީޑިއާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރެއެވެ.

ގާނޫނު ހަދާ މަޖިލީހުގައި ތިބި ރިޕަބްލިކަން ޕާޓީގެ މެންބަރުން ވެސް ބުނާ ގޮތުގައި ޓްރަމްޕްގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއް އުފައްދައިގެން ކުރަން އުޅެނީ ސިޔާސީ ދައުވާތަކެކެވެ.

ޓްރަމްޕްގެ ކުންފުނި ކަމަށްވާ ޓްރަމްޕް އޮގަނައިޒޭޝަން އިން ވެސް ޓެކްސްއަށް މަކަރު ހެދުމުގެ މައްސަލަތަކެއްގައި މިދިޔަ އަހަރުގެ ފަހުކޮޅު ދައުވާ އުފުލިއެވެ. ނަމަވެސް އެފަހަރު ޓްރަމްޕްގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު