އިންޑިއާގެ އިދިކޮޅު ނެޝަނަލް ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރު ރާހުލް ގާންދީއާ ދެކޮޅަށް އަނެއްކާވެސް މައްސަލައެއް ފެންމަތިވެ ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް އިންޑިއަން ޕްރެމިއަރ ލީގްގެ ކުރީގެ ޗެއާމަން ލަލީތު މޯދީ ބުނެފިއެވެ.

ލަތީތު މޯދީ ބުނާގޮތުން ރާހުލް ގާންދީއާ ދެކޮޅަށް އަބުރުގެ ދައުވާއެއް އިނގިރޭސިވިލާތުގެ ކޯޓަށް ވައްދަން އޭނާ ވަނީ ނިންމައިފައެވެ. އެއީ "މޯދީ" މިނަން ކިޔާ މީހުންނަކީ ވަގުން ކަމަށް ދޭހަވާ އިބާރާތަކުން ރާހުލް ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

ހަމަ މި މައްސަލާގައި ބީޖޭޕީގެ އިސް މެމްބަރު، ޕޫރްނޭޝް މޯދީ ކުރި އަބުރުގެ ދައުވާއަކާ ގުޅިގެން ރާހުލް ގާންދީގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ހަފުތާގައި ވަނީ ދެ އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެއާއެކު ރާހުލް ގާންދީ މަޖިލީހުގައި ފުރުއްވަމުން ގެންދެވި ގޮނޑިވެސް ވަނީ ގެއްލިފައެވެ. މި މައްސަލަ އިސްތިއުނާފް ކުރަން 30 ދުވަހުގެ މުއްދަތެއް އޭނާއަށް ލިބިވަޑައިގަންނަވާނެއެވެ. އެހެންކަމުން އަދި މި ހުކުމް ތަންފީޒެއް ނުކުރެއެވެ.

2019 ވަނަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި، އިންޑިއާގެ އާންމު އިންތިޚާބާ ދިމާކޮށް ކަރްނާޓަކާ ސްޓޭޓްގައި ރާހުލް ގާންދީ ދެއްކެވި ވާހަކައެއްގައި އޭނާ ވަނީ؛ ނީރަވް މޯދީ، ލަލީތު މޯދީ، ނުވަތަ ނަރެންދުރަ މޯދީ ކަމުގައި ވީނަމަވެސް ހުރިހާ ވަގުންގެ ނަމުގެ ފަހަތަށް "މޯދީ" މިނަން އަންނަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ނީރަވް މޯދީއަކީ ފިލައިގެން އުޅޭ ޑައިމަންޑް ވިޔަފާރިވެރިއެކެވެ. ލަލީތު މޯދީއަކީ މިހާރު އަބުރުގެ ދައުވާ ކުރާނެ ކަމަށް ބުނެފައިވާ، އިންޑިއަން ޕްރެމިއަރ ލީގްގެ ކުރީގެ ޗެއާމަންއެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ރާހުލް ގާންދީ އާ ދެކޮޅަށް ކޮށްފައިވާ އަބުރުގެ ދައުވާއާގުޅޭ މައްސަލާގައި ބުރާސްފަތި ދުވަހު ވަނީ، ރާހުލް ގާންދީގެ އިތުރުން ދައުވާކުރި ބައެއް ފަރާތްތަކުގެ ބަޔާން ނެގުމަށް ކޯޓަށް ހާޒިރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އހދހ

    ތީ ހަމަ ރައީސް ޔާމީނަށް ހެދި ގޮތައް

    24
    1
  2. ޖާނޭ

    ތިޔަކަމުން މޯދީގެ ނިމުން ެެވަވަސްވެފައި ވޭން ގަދަވާނެ. ޑިމޮކްރެސީ އަކީ ޓޯލަރެންސް. ޞަރުދާސްތު ނުކުރެވޭ މީހުނަނަކީ ނުބައި އަނިޔާވެެިންނެވެ.

    19
  3. ވީ ސަޕޯޓް ރާހޫލް

    ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން މިފަހަރު އިންތިޚާބުގައި ރާހޫލްގާންދީ ގެކޮންގްރެސްޕާޓީއަށް ކާމިޔާބު ދެއްވާށި އެމީހުންނަކީ މުސްލިމުންނާއި
    ހިންދޫން ތަފާތުކުރާ ބައެއްނޫން ބީޖޭޕީ ގޮތައް

    16
  4. ހަސަން

    މިތާ ވެސް މި ޖަހަނީ ހަމަ ތިޔަ ސަކަރާތް. ރ ޔާމީން ހައްޔަރުކޮށްގެން އުޅެނީ ހަމަ ތިޔަ މޯދީއޭ ކިޔާ ކަލޭގެ އޯޑަރަށް. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރާވާ މަކަރުވެރި ރޭވުން. އެކަމަކު ﷲ ގެ އިރާދަފުޅުން ކާމިޔާބެއް ނުވާނެ. މިފަހަރު މޯދީގާނޑު ވެސް ފައްސާލަންވާނެ އިންޑިޔާ ރައްޔަތުން

    12
    1