އިސްރާއީލްގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ ވަޒީރު އިޓަމަރް ބެން ގްރިވް އަށް ނޭޝަނަލް ގާޑްގެ 2000 ސިފައިންގެ ކޮންޓްރޯލް ދީފިނަމަ އޭނާ ބަޣާވާތެއް ގެނެސް ވެރިކަން ބަދަލުކޮށްލަފާނެ ކަމަށް އިސްރާއީލްގެ ފުލުހުންގެ ކުރީގެ ވެރިޔާ މޮޝް ކަރާޑީ ބުނެފިއެވެ.

އިސްރާއީލްގެ ނޭޝަނަލް ގާޑްގެ 2000 ސިފައިން ބެން ގްރިވް އަށް ކޮންޓްރޯލް ކުރެވޭ ގޮތައް، އެސިފައިންނަށް ވަކިވަކިން އަމުރު ކުރުމުގެ ބާރު ހޯދަން ބެން ގްރިވް ވަނީ މިދިޔަ ހަފްތާގައި އިސްރާއީލްގެ ކެބިނެޓަށް ހުށަހަޅާފައެވެ. ބެން ގްރިވް އަކީ ފަލަސްތީންގެ ރައްޔިތުންނާއި ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގާފައިވާ އަދި އަޤުޟާ މިސްކިތުގެ ތެރެއަށް ވަދެގަނެ އެތައް ފަހަރަކު އެމިސްކިތުގެ ހުރުމަތް ވެސް ކަނޑާފައިވާ މީހެކެވެ.

އިސްރާއީލް ފުލުހުންގެ ވެރިޔާގެ މަގާމު 2004 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާއި ހަމައަށް އަދާކުރި މޮޝް ކަރާޑީ އިސްރާއީލްގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ނޭޝަނަލް ގާޑްގެ ސިފައިންގެ ލަޝްކަރެއް ބެން ގްރިވް އަށް ދޭން ބޮޑުވަޒީރު ނަތަންޔާހޫ ނިންމައިފިނަމަ ކޮންމެވެސް ދުވަހަކު ބެން ގްރިވް އެސިފައިން ނަތަންޔާހޫ އާއި ދެކޮޅަށް ބޭނުން ކުރާނެ ކަމަށެވެ.

"ތާރީޚްގައި ކަންކަން ހިނގާފައި ހުރި ގޮތައް ބަލަން ޖެހޭ. ސިޔާސީ ވަކި ލީޑަރަކަށް ސަލާމަތީ ބާރުގެ ލަޝްކަރެއް ދީފިނަމަ އޭނާ އެލަޝްކަރު ބޭނުން ކުރާނީ އޭނާގެ އަމިއްލަ ބާރާއި ނުފޫޒު އިތުރު ކުރަން. ގައުމުގެ އެންމެ އިސްވެރިޔާގެ އަތުން ގައުމުގެ ސަލާމަތީ ބާރުގެ ލަޝްކަރެއް ނެތިގެން ދިއުން އެއީ ބިރުވެރިކަމެއް." މޮޝް ކަރާޑީ ބުންޏެވެ.

އިސްރާއީލްގެ ފުލުހުންގެ އިސް މަގާމުތައް ކުރިން ފުރާފައިވާ އެހެން ގިނަ އޮފިސަރުން ވެސް އަންނަނީ ބެން ގްރިވް އަށް ސިފައިންގެ ލަޝްކަރެއް ދިނުމާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

ބެން ގްރިވް އަށް ސިފައިންގެ ލަޝްކަރެއް ދިނުމާއި ދެކޮޅަށް އިސްރާއީލްގެ މަދަނީ ޖަމިއްޔާތަކާއި އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ އަޑު އުފުލަމުންނެވެ. ނަމަވެސް އިސްރާއީލްގައި މިހާރު ވެރިކަން ކުރާ ކޯލިޝަން ދަމަހައްޓަން ބެން ގްރިވްގެ ތާއީދު ނަތަންޔާހޫ އަށް މަޖުބޫރު ވެފައި އޮތުމުން ބެން ގްރިވް ބޭނުންވާ ގޮތައް ސިފައިންގެ ލަޝްކަރެއްގެ ކޮންޓްރޯލް އޭނާއަށް ދޭނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަހުރަބު

    ތި ބައިގަނޑު ނެތިދިއުން ދާދި ކައިރި ވެއްޖެ

  2. Anonymous

    އިސްރާއީލުގައި ބަޣާވާތްކުރާ ޔަހޫދީން ބޭނުންވަނީ އެއްޖިންސުން ކާވެނިކުރުން ހުއްދަކުރަން. ޖިންސު ބަދަލުކުރުން ހުއްދަކުރަން. އަދި ރަށުތެރޭގައި އޮރިޔާމުން އުޅުން ހުއްދަކުރަން. އެ ޔަހޫދީން ބޭނުންވަނީ ތައުރާތުގެ ދީނާ ޚިލާފު ހުރިހާ ކަމެއް ހުއްދަކުރަން.