ހަމައެކަނި ކާގޯއަށް ހާއްސަކޮށްގެން ޗައިނާ އިން ތަރައްގީ ކުރި އެއާޕޯޓުން އިންޓަނޭޝަނަލް ދަތުރުތައް ފަށައިފިއެވެ.

ޗައިނާގެ އެޒޯ ހުއާން އެއާޕޯޓުން ބައިނަލްއަޤުވާމީ ދަތުރުތައް އިއްޔެ ފަށައި ފުރަތަމަ ދުވަހު ވެސް ވަނީ 100 ޓަނުގެ މުދާ އެކި ގައުމުތަކަށް ފޮނުވާފައެވެ. ޗައިނާގެ ހުބެއި ޕްރޮވިންސްގައި ތަރައްގީ ކޮށްފައިވާ މި އެއާޕޯޓާއިއެކު ޗައިނާ އިން އެހެން ގައުމުތަކަށް ވައިގެ މަގުން މުދާ ފޮނުވުމުގައި ފަސޭހަތައް ލިބިގެން ދާނެ ކަމަށް ޗައިނާ އިން އުއްމީދު ކުރެއެވެ.

އެޒޯ ހުއާން އެއާޕޯޓުން ދަތުރުތައް ފެށިއިރު ފުރަތަމަ ދަތުރުތައް ކުރާނީ ޔޫރަޕްގެ ގައުމުތަކަށެވެ. ޔޫރަޕަށް ހަފްތާއަކު 400 ޓަނުގެ މުދާ ފޮނުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި މުދާތައް އުފުލާނީ ޗައިނާގެ އެސްއެފް އެއާލައިނުންނެވެ. އެއީ ޗައިނާ އިން އެންމެ ގިނަ ކާގޯ މުދާ އުފުލާ އެސްއެފް އެކްސްޕްރެސްގެ އެއާލައިނެވެ.

އެޒޯ ހުއާން އެއާޕޯޓު ތަރައްގީކޮށް ނިންމައި އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް މިހާތަނަށް އަދި މުދާ އުފުލަމުން ގެންދިޔައީ ޗައިނާގެ އެކި އެއާޕޯޓްތަކަށެވެ. މިއަހަރު ނިމެން ވާއިރަށް އެޒޯ ހުއާން އެއާޕޯޓުން ޗައިނާގެ 40 މަންޒިލަކަށާއި ބައިނަލްއަޤުވާމީ ހަތަރު މަންޒިލަކަށް ކާގޯ ދަތުރުތައް ކުރާނެއެވެ.

އެސްއެފް އެކްސްޕްރެސްގެ އިސް އޮފިޝަލެއް ކަމަށްވާ ޒަންގް ހައޯ ޗައިނާގެ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ މިއަހަރު ބާކީ އޮތް މުއްދަތުގައި އެޒޯ ހުއާން އެއާޕޯޓުން ބައިނަލްއަޤުވާމީ މަންޒިލްތަކަށް 15000 ޓަނުގެ ކާގޯ އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެޒޯ ހުއާން އެއާޕޯޓުން މިއަހަރު ނިމުމުގެ ކުރިން ކާގޯ ޓްރާންސިޓްގެ ހިދުމަތް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ކުރިއަށް އޮތްތަނުގައި ޔޫރަޕްގެ އިތުރުން އެމެރިކާ އާއި އަދި އޭޝިއާގެ މަންޒިލްތަކަށް ވެސް އެޒޯ ހުއާން އެއާޕޯޓުން ދަތުރުތައް ކުރުމަށް އަންނަނީ ރާވަމުންނެވެ.

ޗައިނާގެ މީޑިއާތަކުން ބުނާ ގޮތުގައި އެޒޯ ހުއާން އެއާޕޯޓަކީ ކުރިއަށް އޮތްތަނުގައި ކާގޯ ހަބަކަށް ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު