އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ އިސްރާއީލްގެ ހަރުކަށި ވަޒީރު ބެން ގްރިވް އަށް އެގައުމުގެ ނޭޝަނަލް ގާޑުސްގެ 2000 ސިފައިން ކޮންޓްރޯލް ކުރުމުގެ ބާރު ދިނުމަށް އިސްރާއީލްގެ ކެބިނެޓުން ދެންމެ ފާސްކޮށްފިއެވެ.

މީގެ ކުރިން ވެސް ފަލަސްތީން މީހުންނާއި ދެކޮޅަށް އަނިޔާވެރި އެތައް އަމަލެއް ހިންގާފައިވާ އަދި އަޤުޞާ މިސްކިތައް ވަދެ އެތައް ފަހަރަކު ހަމަނުޖެހުން ހިންގާފައިވާ ބެން ގްރިންގެ ބާރުގެ ދަށަށް 2000 ގާޑުން ދިއުމަކީ އެމީހުން ބޭނުންކޮށްގެން ބެން ގްރިވްގެ އަނިޔާވެރިކަން އެތައް ގުނައެއް އިތުރު ކުރާނެ ކަމެއް ކަމަށް މިހާރު ވެސް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ބެން ގްރިން އޭނާގެ ލަޝްކަރާއިއެކު ކުރިއަށް އޮތްތަނުގައި ފަލަސްތީންގެ މުސްލިމުންނަށް ޖެއްސުންކޮށް އަނިޔާވެރި އެތައް އަމަލެއް ހިންގާނެ ކަމަށް ފަލަސްތީނާއި އިސްރާއީލްގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ބެން ގްރިވްގެ ބާރުގެ ދަށަށް 2000 ގާޑުން ދޭން އުޅޭ ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް އެނިންމުމުގެ އަސްލު ސަބަބަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަން ރޫޅުނަނުދީ ވެރިކަން ދެމެހެއްޓުން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

މިއަދު އިސްރާއީލްގެ ކެބިނެޓުން ވަނީ ބެން ގްރިވް އާއި ހަވާލު ކުރާ ނޭޝާނަލް ގާޑުންގެ ބަޖެޓް ހަމަޖެއްސުމަށް ކޮންމެ މިނިސްޓްރީއެއްގެ ބަޖެޓުން %1.5 އުނިކޮށް އެފައިސާ ބެން ގްރިވްގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓްރީއަށް ދިނުމަށް ފާސްކޮށްފައެވެ. އެހެންކަމުން ނޭޝަނަލް ގާޑުންގެ ބަޖެޓަށް އިސްރާއީލް ފައިސާ ކަމަށްވާ އެއްބިލިއަން އިސްރާއީލީ ނިއު ޝެކެލް ނުވަތަ 278 މިލިއަން ޑޮލަރު ދޭނެއެވެ.

ބެން ގްރިވް އަށް ނޭޝަނަލްް ގާޑުގެ 2000 ސިފައިން ދިނުމަށް އިސްރާއީލްގެ ކެބިނެޓުން ނިންމުމުން އެގައުމުގެ އިދިކޮޅު ލީޑަރު ޔައިރް ލެޕިޑް ބުނީ ސަރުކާރުގެ ނިންމުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ދޯހަޅި ނިންމުމެއް ކަމަށެވެ. އެނިންމުމުގެ ސަބަބުން އިސްރާއީލްގެ ހަމަޖެހުން ގެއްލިގެން ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިސްރާއީލްގެ ޕޮލިސް ކޮމިޝަނަރ ކޮބީ ޝަބްޓައީ ވެސް ވަނީ ބެން ގްރިވް އާއި ނޭޝަނަލް ގާޑުންގެ ބަޔަކު ހަވާލު ކުރަން ނިންމުމުން އެކަމަށް ފާޑުކިޔާފައެވެ. އޭނާ ބުނީ ސަލާމަތީ ބާރުތަކުގެ ވަކި ފައުޖެއް ވަކިން ހިންގުން އެއީ އިސްރާއީލްގެ ގައުމީ ސަލާމަތައް ބުރޫ އަރައި އެކަމުގެ ގެއްލުން ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ކުރާނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު