އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޑެލިވަރީ ކުރަން އުޅުނު މީހަކަށް ހަމަލާދީ މަރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަރާލާފައި ވަނީ ނިއުދިއްލީގެ ފިހާރައެއްގައި މަސައްކަތް ކުރާ ޑެލިވަރީ ބޯއީއެކެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި މިހާދިސާގައި މަރުވެފައިވަނީ އުމުރުން 39 އަހަރުގެ ޕަންކަޖް ޓާކުރް ނަމަކަށް ކިޔާ ޒުވާނެކެވެ.

އާދައިގެ މަތިން ޕަންކަޖް ދިޔައީ ފިހާރައިން ވިޔަފާރި ކުރި މީހުންގެ މުދާ ޑެލިވެރީ ކުރުމަށެވެ. އޭނާ ގެންގުޅޭ ސައިކަލް މަގުމައްޗަށް މަޑުކޮށްގެން ހުއްޓާ ފަހަތުން އައި ޓެކްސީއެއް ބަރުގޮނު އެޅުމުން ޕަންކަޖް އަޅާނުލިއެވެ. އެހެންކަމުން ޓެކްސީއިން ދަތުރުކުރި ދެ ފިރިހެނަކު ވަނީ ޕަންކަޖް އާ ޒުވާބުކޮށްފައެވެ.

ޒުވާބު ހޫނުވެ އެ ދެ ފިރިހެނުން ޓެއައިސް ޕަންކަޖްގެ ގައިގައި ތަޅަން ފެށިއެވެ. އަދި އޭނަގެ ސައިކަލްވެސް ވައްޓާލާ އެއްޗިއްސަށް ގެއްލުން ދިނެވެ. އެ ސަރަހައްދުގައި އުޅުނު އާންމުން ޕަންކަޖް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. ހަށިގަނޑުގައި ގިނަ އަދަދެއްގެ ޒަޚަމްތައް ހުރުމުން ޑޮކްޓަރުން ބުނަނީ އޭނާ މަރުވެފައިވަނީ އެ އަނިޔާތަކުގެ ސަބަބުން ކަމަށެވެ.

މިމައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ އެސަރަހައްދުގެ ސީސީޓީވީ ކެމެރާތައް ބަލާ ޗެކްކޮށްފައެވެ. ސީސީޓީވީން ފެނުނީ ދެ ފިރިހެނުން ޕަންކަޖް ގައިގައި ތަޅަން ފެށުމުން އޭނާ ހޭނެތުނު މަންޒަރެވެ. ޕަންކަޖް ހޭނެތުމުން އެދެމީހުން ވަގުތުން ފިލީއެވެ.

އެދެމީހުން ދަތުރުކުރި ޓެކްސީގެ ނަންބަރަށް ބަލައި ޓެކްސީ ހޯދައިގެން އެދެމީހުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ފެށިނަމަވެސް އެދެމީހުން ވަނީ ފިލައިފައެވެ. އެހެންކަމުން އިންޑިއާގެ އެކިއެކި ޕޮލިސް ސްޓޭޝަންތަކަށް އެމީހުންގެ ފޮޓޯ ފޮނުވައިގެން ފުލުހުން ކުރި މަސައްކަތުން އިއްޔެ ހަވީރުގެ ވަގުތެއްގައި އެދެމީހުން އަތުލައިގަނެވުނެވެ.

މިމައްސަލައިގައި ހައްޔަރުކުރެވުނީ އުމުރުން 19 އަހަރުގެ މަނީޝް ކުމާރު އާއި އުމުރުން 20 އަހަރުގެ ލާލްޗަންދު ނަމަކަށް ކިޔާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބޮލީވުޑުގެ ތަޅާފޮޅާ ފިލްމު ބެލުމަކީ ރޭޕިސްތާނު ކުޑަކުދިންނަށް ތަޅާ އަނިޔާކުރަން ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ދިރާސާތައް ބުނޭ.

    11
    1