އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާރުގެ ރައީސް ޖޯ ބައިޑެން އިއުލާން ކޮށްފިއެވެ.

މިހާރު އުމުރުން 80 އަހަރުގެ ބައިޑެން އަކީ ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އެމެރިކާގެ ރައީސްކަން ކުރައްވާ އެންމެ ދޮށީ ބޭފުޅާއެވެ. ބައިޑެންގެ ބައެއް ހަރަކާތްތަކާއި ދައްކަވާ ބައެއް ވާހަކަފުޅުތަކުން އުމުރުން ދުވަސްވެ، މުސްކުޅިވުމުގެ އަލާމާތްތައް ފެންނަ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެހެންވެ ބައެއް ފަރާތްތަކުން ލަފާކުރަމުން އައީ ބައިޑެން ދެން އެމެރިކާގެ ރައީސް ކަމަށް ކުރިމަތިނުލާނެ ކަމަށެވެ.

ނަމަވެސް މިއަދު އާއްމުކުރި ވީޑިއޯ މެސެޖެއްގައި ބައިޑެން ވިދާޅުވީ އެމެރިކާގެ ގައުމީ ވަންތަކަށް ކުރިއަރުވައި، ހަގީގީ އެމެރިކާއެއް ބިނާކުރަން ހަތަރު އަހަރު ކުރިންވީ ވައުދު އަދި ނުފުއްދޭ ކަމަށެވެ. އެހެންކަމުން އެވައުދު ފުއްދުމަށް އަދި އިތުރު ދައުރަކުން ވެރިކަން ކުރަން ޖެހޭ ކަމަށް ބައިޑެން ވިދާޅުވިއެވެ.

އެމެރިކާގައި ބަހުސް ބޮޑުވެފައިވާ މާބަނޑު އަންހެނުން ދަރިން ވެއްޓުމާއި ދެކޮޅު ހިޔާލުތަކާއި، އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅު ވާހަކަތަކަށް ވެސް ބައިޑެން މިއަދު ރައްދު ދެއްވިއެވެ. ބައިޑެން ވިދާޅުވީ އޭނާ ކުރަން އޮތް އެންމެ ބޮޑު އެއްކަމަކީ ބޮޑު ހަރުކަށިކަމަކާއި ކުރިމަތިލުމެވެ. އޭގެތެރެއިން އެއްކަމެއްގެ ގޮތުގައި މައިން ދަރިން ވެއްޓުމާއި އެއްޖިންސުން ކައިވެނި ކުރުން ސީދާ ގޮތެއްގައި ފާހަގަނުކޮށް ނަމަވެސް ބައިޑެން ވިދާޅުވީ އަންހެނުންގެ ސިއްހަތާއި އަދި ކޮންމެ މީހަކަށް ވެސް އެމީހަކު ލޯބި ވާނެ މީހަކު ދެކެ ލޯބިވުން ފަދަ ކަންކަން ކަށަވަރު ކޮށްދިނުމުގައި ހިނގަން އޮތް މަގު އަދިވެސް ވަރަށް ދިގު ކަމަށެވެ.

"ޑިމޮކްރަޓިކް ހަމަތައް ދިފާއު ކުރުމާއި، ކޮންމެ މީހަކަށް ވެސް ލިބިގެންވާ މިނިވަންކަން ދެމެހެއްޓުމާއި އަދި ލިބިފައި އޮތް އެންމެ މުހިއްމު ހައްގު ކަމަށްވާ ވޯޓް ލުމުގެ ހައްގުގެ ބޭނުންކޮށް، އަޅުގަނޑުމެންގެ ހުރިހާ މަދަނީ ހައްގުތައް ދިފާއު ކުރެވެން ޖެހޭ." ބައިޑެން ވިދާޅުވިއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ރިޔާސީ އިންތިހާބަށް ނިކުންނައިރު ބައިޑެން އަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އޭނާގެ އުމުރެވެ. ބައިޑެންގެ އުމުރަށް ބަލާއިރު އެމެރިކާގެ ރައީސް ކަމުގެ ދެވަނަ ދައުރެއް ބައިޑެން އަށް ދޭން އޭނާ ނިސްބަތްވާ ޑިމޮކްރަޓިކް ޕާޓީގެ ސީނިއާ ގިނަ މެންބަރުންގެ ތާއީދު ވެސް ލިބިދާނެކަމާއި މެދު ގިނަ ތަޖުރިބާކާރުން ސުވާލު އުފައްދައެވެ.

ބައިޑެން އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާނެކަން އިއުލާން ކުރިއިރު އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޓްރަމްޕް ބުނާ ގޮތުން އޭނާ އަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުވާލުމަށް ޑިމޮކްރަޓިކުން ޝަރުއީ ދާއިރާ އާއި ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބަރަހަނާ ފިލްމް ކުޅޭ އަންހެނަކަށް ފައިސާތަކެއްދީ، އެފައިސާތަކުގެ ހިސާބުތައް ލިޔެ ކިޔުމުން ފޮރުވި މައްސަލައިގައި ޓްރަމްޕްގެ މައްޗަށް މިމަހު ވަނީ ދައުވާ ވެސް އުފުލާފައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން އެމައްސަލައިގެ ޝަރީއަތް ނުނިމޭނެ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެއެވެ. އެހެންކަމުން އެދައުވާތައް ކޮށްފައި އޮތްނަމަވެސް އިންތިހާބުގައި ވާދަކުރަން ޓްރަމްޕްއަށް އަދި ހުރަހެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވައްޑެ

    އިބޫއެކޭ ބޭޑަންއެކޭ ނެތެއްނު ތަފާތެއް.

    9
    1
  2. ހިކި ކިރު

    މިއީ އަނެއް ކަނޑުކޮސް. އަމިއްލަ ހާލައިގެން ނޫލުވުނަސް ތިކަން ދޫނުކުރާތި ދެލޯފުޅާ!

  3. ރެފްރީ

    މިފަހަރުޖެހޭނީ ހަނދާންނެތްތާލަން. ތިޔައީ މޮޔައެއް، ދުނިޔެއާއި އެމެރިކާ ރައްޔިތުން ބަނޑަށްޖައްސާލި ލުއްޗާ

  4. ...

    ނަރަކާގަ އުމުރުދުވަހުގެ ދައުރަކަށް ހޮވިފަ ހުންނާނެ ކަލޭ

  5. އާދަމް

    ކޮޅަށް ހުއްޓަ ހީސްވެސް ލެވެނީ، ސިޑި އަކުން އަރަންޏާ އަޅައިނުގަނެ ނޭރޭ، އަމިއްލަ އަށް ޒިބު ނުދެމުނަސް ވެރިކަން ކުރަންވާނެ