ހައްދުފަހަނަ އަޅާފައިވާ އިސްރާއީލް ސިފައިން ފަލަސްތީނުގެ ކުޑަކުއްޖެ ގައިމަތިން އެމީހުންގެ ވެހިކަލެއް ދުއްވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

ގުދުސް ނިއުސް ނެޓްވޯކުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިސްރާއީލުގެ ސިފައިން ހުޅަނގު އައްސޭރީގެ ބެއިތް ފުރިކްއަށް މިއަދު ޖެހި ރެއިޑެއްގައި މަގުމަތީގައި ތިބި ބައެއް ކުދިންގެ ގައިގައި އެމީހުން ދުއްވި ވެހިކަލުން ވަނީ ޖައްސާފައެވެ.

އެނޫހުން ބުނި ގޮތުގައި މިހާދިސާގައި އަނިޔާވި ކުއްޖާއަށް ނަބްލުސްގައި ހުންނަ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ކުއްޖާގެ ހާލު ވެސް ރަނގަޅު ކަމަށް އެނޫހުން ވަނީ ބުނެފައެވެ.

އެނޫހުން އާންމު ކޮށްފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި އިސްރާއީލް ސިފައިން ދުއްވި ވެހިކަލުގައި ދެ ކުއްޖަކު ވަނީ ޖެހިފައެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ކާރު މަތިން ވިއްސައިގެން ދާ މަންޒަރު ފެންނައިރު، އަނެއް ކުއްޖާ ޖެހިފައިވަނީ ކާރުގެ ކުރީ އަރިމަތީގައެވެ.

އިސްރާއީލް ސިފައިން ފަލަސްތީނު މީހުންނަށް ދެމުން އަންނަ ހަމަލާއަށް ހުއްޓުމެއް ނެތްއިރު، މިމަހުގެ އެއްވަނަ ދުވަހު އިސްރާއީލް ސިފައިން ފަލަސްތީނުގެ ކުޑަ ކުއްޖެއްގެ ބޮލަށް ބަޑި ޖަހައި ޒަހަމް ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މިހަމަލާގައި އެކުއްޖާއަށް ލިބުނު އަނިޔާތަކަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި އެކުއްޖާގެ ހާލު ވަރަށް ސީރިއެސްއެވެ.

ކިޔުންތެރިންގެ ހިޔާލު