ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ތިބި ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން، ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅައި ޝަހީދު ކޮށްލި ފަލަސްތީން މީހުންގެ އަދަދު 232 އަށް އަރައިފިއެވެ.

ހަމާސްއިން ބުނެފައިވާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރު ކުރަމުންދާތީއެވެ.

ހަމަލާތައް ބަދަލު ކުރަން ފެށިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ހަމާސްއިން ވަނީ އިސްރާއީލަށް 7000 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ދީފައެވެ. އެ ހަމަލާތައް އަމާޒު ކޮށްފައިވަނީ އިސްރާއީލުގެ މެދުގެ ސަރަހައްދުތަކަށާއި އުތުރުގެ ސަރަހައްދުތަކަށެވެ.

މި ހަމަލާތައް ދޭން ފެށުމާއި އެކީ އިސްރާއީލުން ވެސް ވަނީ ހަމަލާތައް ފޮނުވާފައެވެ. ކަނޑާއި އެއްގަމާއި ވައިގެ މަގުން ދެމުން އަންނަ މި ހަމަލާގައި ފަލަސްތީނުގެ 232 މީހަކު ޝަހީދު ވެފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.